ކުޑަކުދިންނަށް ކޯވިޑް ވެކްސިން ދޭންފަށަން، ޓެސްޓު ކުރާ ފުރަތަމަ ގައުމަކަށް އިންޑިއާ

ކޯވިޑް-19އަށް ދުނިޔޭގެ އެކި ގަައުމުތަކުގައި ތައްޔާރު ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ކުޑަކުދިންނަށް ޖެހިދާނެ ވެކްސިނެއް ހޯދުމަށް ކުޑަކުދިން ބޭނުން ކޮށްގެން ކޯވިޑް ވެކްސިނެއް ޓެސްޓު ކުރުމަށް އިންޑިއ...

27 May 2021 | 13:35

ކޯވިޑް-19އަށް ދުނިޔޭގެ އެކި ގަައުމުތަކުގައި ތައްޔާރު ކޮށްފައިވާ ވެކްސިންތަކުގެ ތެރެއިން ކުޑަކުދިންނަށް ޖެހިދާނެ ވެކްސިނެއް ހޯދުމަށް ކުޑަކުދިން ބޭނުން ކޮށްގެން ކޯވިޑް ވެކްސިނެއް ޓެސްޓު ކުރުމަށް އިންޑިއާ އިން ތައްޔާރުވެއްޖެ އެވެ.

މިހާޜު ކޯވިޑަށް ތައްޔާރުކޮށްފައިވާ ވެކްސިން ތަކުގެ ތެރެއިން ކުޑަކުދިންނަށް ދިނުމަށް ޓެސްޓު ކޮށްފައިވަނީ އެމެރިކާގެ ފައިޒާ ވެކްސިން އެކަންޏެވެ. އެ ވެކްސިންވެސް ދިނުމަށް ހުއްދަ ދީފައި އޮންނަނީ އުމުރުން 16 އަހަރާއި 17 އަހަރުގެ ކުދިންނަށެވެ.

އިންޑިއާގެ މައި ސަރުކާރުގެ ޔޫނިއަން ފިނޭންސް މިނިސްޓަރު ނިރްމަލާ ސީތާރާމަން ވިދާޅުވީ ކުޑަކުދިންނަށް ކޯވިޑް ވެކްސިން ޖެހުމަށް ޓެސްޓު ކުރުމުގެ މަސައްކަތް އިންޑިއާގައި ވަރަށް އަވަހަށް ފެށޭނެ ކަމަށެވެ. އޭނާ ވިދާޅުވެފައިވާ ގޮތުގައި ކުޑަކުދިންނަށް ކޯވިޑް ވެކްސިން ޖެހޭނެތޯ ޓެސްޓު ކުރަން ނިންމީ އެފަދަ ޓެސްޓެއް ކުޑަކުދިން ބޭނުން ކޮށްގެން ނުކުރެވޭނެ ކަމަކަށް ޑަބްލިއުއެޗްއޯއިން ލަފާ ދީފައި ނުވާތީ ކަމަށެވެ.

އޭނާ ވިދާޅުވީ ޓެސްޓުތަކުގެ ނަތީޖާއަށް ބަލައި ކުޑަކުދިންނަށް ވެެކްސިން ދިނުމާއި މެދު ގޮތެއް ނިންމާނީ ކޯވިޑާއި ގުޅިގެން ސަރުކާރަށް ލަފާދޭ ސައިންސްވެރިން ކަމަށެވެ. އެގޮތަށް އިންޑިއާއިން ނިންމި ނަމަވެސް އަދިވެސް އެ ނިންމުން ބަދަލު ކޮށްފާނެ ކަމަށް ބެލެވެ އެވެ.

އެއީ ކުޑަކުދިންނަށް ކޯވިޑް-19 އަށް ތައްުޔާރުކޮށްފައިވާ ފަދަ ބާރުގަދަ ވެކްސިނެއް ޓެސްޓު ކުރަންވެސް ޖެހުމަކީ ނުރައްކާތެރިކަން ބޮޑު ކަމަކަށްވާތީ ކަމަށް އިންޑިއާ ސަރުކާރަށް ކޯވިޑާއި ގުޅިގެން ލަފާދޭ ޓީމްގައި ހިމެނޭ ބައެއް މެމްބަރުން ވިދާޅުވެފައިވެ އެވެ. އެކަމަކު ފައިޒާ ފަދަ ކުޑަކުދިންނަށް ޓެސްޓު ކޮށްފައިވާ ވެކްސިނެއް، ޓެސްޓު ކުރުމުގެ ގޮތުން އެއަށްވުރެ ހަގު އުމުރުފުރާތަކުގެ ކުދިންނަށް ދިނުމަށް ލަފާދޭ ކަމަށް ބުނެފައިވެ އެވެ.

އިންޑިއާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައިވަނީ ފައިޒާއިން ވަނީ އެ ވެކްސިނަކީ އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ދޭން ބޭނުން ކުރެވިދާނެ ވެކްސިންއެއް ކަމަށް އަންގާފަ ކަމަށެވެ. އަދި އިންޑިއާއިން އެދޭ ނަމަ ފައިޒާ ވެކްސިންގެ ފަސް ކްރޯޑު ޑޯޒު މިއަހަރުގެ ޖުލައި އާއި އޮކްޓޯބަރު މަހާއި ދެމެދު ފޯރުކޮށްދެވޭނެ ކަމަށް އަންގާފައިވާ ކަމަށެވެ.

އެކަމަކު އެކަމާއި ގުޅޭގޮތުން އިންޑިއާއިން ގޮތެއް ނުނިންމައެވެ.

ދުނިޔޭގައި އެންމެ ހަލުވި ކަމާއި އެކު އަދި އެންމެ ނުރައްކާތެރި ކޯވިޑްގެ ވޭރިއެންޓު ފެތުރެމުންދަނީ އިންޑިއާ ގައި އެވެ. ކުރިން ކުޑަކުދިން ކޯވިޑަށް ޕޮސިޓިވް ނުވާ މިންވަރަށް މިހާރު ދަނީ ޕޮސިޓިވްވަމުންނެވެ. އެގޮތުން ބައެއް ފަގީރު އަވަށްތަކާއި ކުދި ޑިސްޓްރިކްޓުތަކުން ދުވާލަކު 300 އަށްވުރެ ގިނަ ކުދިންނަށް ކޯވިޑަށް ޕޮސިޓިވްވެ އެވެ.

އިންޑިއާގެ އެންމެ ފަހުގެ ތަފާސް ހިސާބަށް ބަލާއިރު މިހާތަނަށް އިންޑިއާއިން 27.4 މިލިއަން މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އަދި ބަލީގައި ތިން ލައްކައަށްވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް