ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމް.ޑަބްލިޔު.އެސްސީ އިން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް އެ ކުންފުނިން ހަމަޖައްސައިފިއެވެ.
މިގޮތުން، ގްރޭޓަރ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ.ދުވާފަރު، ކ.މާފުށި އަދި ހދ.ކުޅުދުއްފުށީގެ ކޮންމެ ގޭބީސީ އެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 30 އިންސައްތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ފެން ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ ކަމަށް އެމްޑަބްލިޔުއެސްސީ އިން ބުނެއެވެ.
މީގެ އިތުރުން، އެމް.ޑަބްލިޔު.އެސް.ސީ އިން ރ.ދުވާފަރުގައި ފޯރުކޮށްދެމުންދާ ކަރަންޓްގެ ޚިދުމަތުންވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓު ބިލުން 40 އިންސަތަ އަދި ކޮންމެ ވިޔަފާރިއެއްގެ 2021 ގެ މެއި މަހުގެ ކަރަންޓް ބިލުން 20 އިންސައްތައިގެ ޑިސްކައުންޓެއް ލިބިގެންދާނެ އެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅުއްވަމުންމުން ގެންދަވާ ފިޔަވަޅުތަކަށް އެމްޑަބްލިޔުއެސްސީއިން ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
އަދި ހުރިހައި ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރައްވައި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރެއްވުން އެ ކުންފުނިން އެދިފައިވެއެވެ.
ހަމަ މިއާއި އެކު، އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގައިވެސް ފެން ބޭނުންކުރެއްވުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރެއްވުމަށް ހަނދާންނައްތައި ނުލުމަށް އެ ކުންފުނިން އެދެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް