މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތް ކުރުމަށް އާރްސީސީއަށް

ހުޅުމާލެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއި ހައުސިންގް ޑިވިޕޮލްމަންޓް ކޯޕަރޭޝަން އާ ދެމެދު އެއްބަސ...

27 May 2021 | 12:49

ހުޅުމާލެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)އާއި ހައުސިންގް ޑިވިޕޮލްމަންޓް ކޯޕަރޭޝަން އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ވާޗުއަލްކޮށް އިއްޔެ ބޭއްވުނު މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދުއެވެ. އަދި މި އެއްބަސްވުމުގައި އެޗް.ޑީ.ސީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސުހައިލް އަޙުމަދެވެ.

މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރް.އެފް.ޕީއަށް ހުޅުވާލެވުނު ޕްރޮޖެކްޓެކެވެ. މި މަޝްރޫޢުގެ ދަށުން، ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި 116 ޔުނިޓް އިމާރާތް ކުރެވިގެންދާނެއެވެ.

މީގެތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައި ވާގޮތުން ޕްރައިޒް ކެޕް ކުރެވި އެއްމެ ބޮޑު  އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1.800 ދިވެހި ރުފިޔާ ނެގުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. އަދި ބާކީ 38 ޔުނިޓަކީ އޯޕަން މާކެޓް އަގުގައި ޑިވެލޮޕަރު ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެވެ. މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމަށް އެޗްޑީސީއިން ބުނެއެވެ.

މި މަޝްރޫޢު ޑީޓެއިލް ޑްރޮވިންގ އެޕްރޫވްވާ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި ނިއްމުމަށް ހަމަޖެހިފައި ވާކަމަށް އެޗްޑީސީއިން ބުނެއެވެ.

މާލެ ސަރަޙައްދުގެ ތޮށްޖެހުން ކުޑަކޮށް އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫޢުތަކެއް ހުޅުމާލޭގައި އެ ކޯޕަރޭޝަންގެ ފަރާތުން ދަނީ ހިންގަމުންނެވެ. އަދި މި ފުލެޓުތަކުގައި ދިރިއުޅުއްވާ ބޭފުޅުންނަށް ބޭނުންވާނެ ޙިދުމަތްތައް އެއްމެ ޒަމާނީ ފެންވަރުގައި ޤާއިމުކޮށްދިނުމަށްވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް