30 މޭ 2021 އިން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރ ސަރވިސް ސެންޓަރ މެދުވެރިކޮށް ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފިއެވެ.
މި ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރުފަހު 2:00 އާ ހަމަޔަށް މި ސެންޓަރ ހުޅުވާނެ ކަމުގައި ބީއެމްއެލްއިން ބުނެއެވެ.
ބޭންކުން ބުނެފައިވާގޮތުގައި އެ ބޭންކުގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަމަރުންނަށެވެ. މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށެވެ.
ކާޑު ނެންގެވުމަށް ކަސްޓަމަރ ސަރވިސް ސެންޓަރަށް ވަޑައިގަންނަވާއިރު ތިރީގައިމިވާ ގޮތަށް އަމަލުކުރައްވަންވާނެ ކަމުގައި ބޭންކުން ބުނެއެވެ.
- މާސްކު އެޅުން
- ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން
- އަމިއްލަ ގަލަން ގެނައުން
- ސެނިޓައިޒަރ ބޭނުންކޮށްގެން އަތް ސާފުކުރުން
ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރިކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ ބޭފުޅުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެންގެވުމަށް ބޭންކަށް ވަޑައިގަންނަވަން ނުޖެހޭނެ ކަމަށާއި މި ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުއްވުމަށް ދަންނަވާކަމަށް ބޭންކުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް