ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މޭޔަރު މުއިއްޒު ދެއްވައިފި

ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މާލެ ސިޓީގެ އައު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ދެއްވައިފިއެވެ. މި ޔަގީންކަން މޭޔަރު ދެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމ...

27 May 2021 | 09:23

ސަރުކާރަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން މާލެ ސިޓީގެ އައު މޭޔަރު ޑރ. މުހައްމަދު މުއިއްޒު ރައީސް ސޯލިހަށް ދެއްވައިފިއެވެ.

މި ޔަގީންކަން މޭޔަރު ދެއްވީ މިއަދު މެންދުރުކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުވުމެއްގައެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ މާލެ ސިޓީގެ ހާލަތާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން މާލެ ސިޓީއަކީ އަމާން ތަނަކަށް ހެދުމަށް ކުރެވެން ހުރި ކަންތައްތަކާއި، މާލެ ސިޓީއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަން ހައްލުކުރުމަށް އެޅެން ހުރި ފިޔަވަޅުތަކާއި، ގުޅޭ ގޮތުން ފުޅާ ދާއިރާ އެއްގައި މަޝްވަރާ ކުރެއްވެވިއެވެ.

މި ބައްދަލުކުރެއްވުމުގައި މާލެ ސިޓީ ކައުންސިލުން މިހާރު ކުރަމުން ގެންދާ މައިގަނޑު މައްސައްކަތްތަކާއި، އަދި ކުރިއަށް ރާވާފައިވާ ކަންތައްތައް މޭޔަރ މުޢިއްޒު ރައީސުލްޖުމްހޫރިއްޔާ އާއި ޙިއްޞާކުރެއްވެވިއެވެ. އަދި މި ކަންތައްތައް ސަރުކާރާއި ގުޅިގެން ކުރިއަށް ގެންދެވުމަށް ބޭނުންފުޅުވާ ކަމުގައިވެސް އެމަނކުފާނު ވަނީ ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ސަރުކާރުން މާލެ ސިޓީ ކަންސިލުން މާލޭގެ ކުރިއެރުމަށާއި، މާލެ ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވާ ހުރިހާ މަސައްކަތަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނުގެ ވާހަކަފުޅުގައި ސަރުކާރުގެ ލާމަރުކަޒީ ސިޔާސަތުގެ މައްޗަށް ވަނީ އަލިއަޅުއްވާލައްވާފައެވެ. އަދި އެ ސިޔާސަތުގެ ތެރެއިން މާލެ ސިޓީގެ ކަންކަން ހަރުދަނާކޮށް ކުރިއަށްގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބާރުއެޅުއްވެވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް