އަލިފާނުގެ ހާދިސާގައި ބޯހިޔާވަހިކަން ގެއްލުނު 32 ފަރާތެއް ވަގުތީ ހިޔާގައި

ރޭ ފަތިހު މަލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 32 ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެޖޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. އަލިފާން ރީވެފައިވަނީ މއ. މޯނިންގް ...

27 May 2021 | 09:17

ރޭ ފަތިހު މަލޭގައި ހިނގި އަލިފާނުގެ ހާދިސާގައި 32 ފަރާތެއްގެ ބޯހިޔާވަހިކަން ގެއްލުނު ކަމަށް ނެޝަނަލް ޑިޒާސްޓާ މެޖޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

އަލިފާން ރީވެފައިވަނީ މއ. މޯނިންގް ވިއު ތިން ވަނަ ފަންގިފިލާގައި އެވެ. އެ ގެއަކީ އެއް ގޮއްޗެއްގައި ދެ އިމާރާތް ހަދާފައި ހުންނަ ގެއެއް ކަމަށާއި އަލިފާން ރޯވީ ހުޅަނގު ފަރާތުގައި ތިން ބުރިއަށް އިމާރާތް ކޮށްފައިވާ ތަނުގެ ތިން ވަނަ ފަންގިފިލާގައި އެވެ. މި އަލިފާނުގެ ހާދިސާގައި އެ ގެ ވަނީ ބޭނުން ނުކުރެވޭވަރަށް އަނދާ ހުލިވެފަ އެވެ.

އެންޑީއެމްއޭ އިން ބުނީ މި ހާދިސާގައި ބޯހިޔާވަހިކަން ފޯރުކޮށްދެން ޖެހުނު މީހުން ދެނެގަތް އިރު 56 މީހުން ހިމެނުނު ކަމަށެވެ. އޭގެ ތެރޭގައި 18 އަހަރުން ދަށުގެ 17 ކުއްޖަކު ހިމެނޭ ކަމަށް ބުނެ އެވެ.

އެ މީހުންނަށް ވަގުތީ ހިޔާ ހަމަޖެއްސީ މާލޭގެ ހަތް ގެސްޓް ހައުސްއެއްގައި އެވެ. އެކަމަކު އަލިފާނުގެ ހާދިސާއަށް ފަހު އެ ގޯތިތެރޭގައި ހުރި އަނެއް އިމާރާތް ސިފައިން ސާފު ކުރުމުން އެގޭގައި ދިރިއުޅޭ 24 މީހަކު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ.

މިވަގުތު ވަގުތީ ހިޔާގައި ތިބީ އަލިފާން ރޯވި އިމާރާތުގުގައި ދިރިއުޅޭ ފަސް އާއިލާއެކެވެ. އޭގެ ތެރެއިން ދެމީހުންނަކީ ކޯވިޑަށް ޕޮސިޓިވް މީހުންނަށްވާތީ އެ މީހުންވަނީ ކޯވިޑް ފެސިލިޓިއަށް ބަދަލުކޮށްފަ އެވެ.

އެންޑީއެމްއޭއިން ވަނީ އެ ގޭގައި ދިރިއުޅުނު ކޮންމެ މީހަކަށް ކުރިއަށް އޮތް ތިން ދުވަހު ކެއިން ބުއިން ހަމަޖެއްސުމަށް ދުވާލަކަށް 200 ރުފިޔާ ދީފައި އެވެ. އަދި އަންނައުނު ގަތުމަށް 1،500 ރުފިޔާ ދީފައިވާ ކަމަށް ވަނީ ބުނެފަ އެވެ.

އަދި ކުޑަކުދިންނަށް ބޭނުންވާ ނެޕީ ފަދަ ތަކެއްޗާއި ސައިބޯންޏާއި ޝޭމްޕޫ ފަދަ ސާފުތާހިރުވުމަށް ބޭނުންވާނެ ތަކެތި ވެސް ފޯރުކޮށްދީފައިވާ ކަމަށް ބުނެފައި ވެއެވެ.

އިތުރަށް އެހީ ދޭން ނިންމާނީ ކުރިއަށް އޮތް ހަފްތާ ތެރޭ އިމާރާތަށާއި ހިފާ ގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އެސެސްމެންޓު ހެދުމަށް ފަހު އެވެ. މި މަސައްކަތް ކުރާނީ އެމްއެންޑީއެފާއި އެންޑީއެމްއޭ ގުޅިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް