ގާޑިއަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓުގައި ރޭ މަރުވި ޒުވާނާ ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ ރޭ10:00 ހާއިރު އެވެ. އެމީހާ މަރުވީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށެވެ.
މި އެކްސިޑެންޓުގައި މަރުވެފައިވަނީ އުމުރުން22 އަހަރުގެ ދިވެއްސެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މަރުވާ މީހުން ކޯވިޑަށް ޓެސްޓު ކުރާ އުސޫލުން އޭނާ ޓެސްޓު ކުރި އިރު ވަނީ ކޯވިޑަށް ޕޮސިޓިވްވެފައި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ މި އެކްސިޑެންޓު ހިނގީ ގަލޮޅު ހުވަފެނީ ގޯޅީގައި ދުއްވާފައި ދިޔަ ސައިކަލެއް އެ ގޯޅީގައި ބާއްވާފައި އޮތް ގާޑިޔަލެއްގައި ޖެހިގެން ކަމަށެވެ. އެކްސިޑެންޓުވިއިރު މަރުވި މީހާ އިނީ ސައިކަލުގެ ފަހަތުގައި އެވެ.
އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގަ އެމީހާ މަރުވީ ގާޑިއާގެ އަތްގަނޑު އޭނާގެ ކަރަށް ހެރިގެންނެވެ. އެކްސިޑެންޓަށް ފަހު އޭނާ އެތަނުގައި އިށީނދެގެން އިނުމައްފަހު ތެދުވާތަން ފެންނަ އިރު އިރުކޮޅަކުން އޭނާ ބިންމައްޗަށް ވެއްޓެނީ އެވެ.
ކައިރީގައި ތިބި މީހުން ކަރުގައި އެކެއްގެ ޓީޝާޓު ބާލައި އޮޅައިގެން ލޭ މަނާ ކުރުމަށް މަސައްކަތް ކުރި ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ބިންމަތީގައި ލޭގެ ކޯރެއް ހެދޭތަން ފެނެ އެވެ. އެމްބިއުލާންސް ގޮސްފައި ވަނީ އޭގެ ފަހުންނެވެ.
ފުލުހުން ބުނީ ހާދިސާ ހިނގި އިރު ސައިކަލު ދުއްވަން އިން މީހާ ވަނީ ފިލާފައި އެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް