ބޮލީވުޑްގެ ބަތަލާ ކަރީނާ ކަޕޫރު ކުރިން ނެގި ފޮޓޯއެއް ހަމައެގޮތަށް ނަގަން ރާއްޖެ އަންނަން ބޭނުންވާ ކަމަށް ބުނެ އަމިއްލައަށް އެކަމަށް ވައުދުވެއްޖެ އެވެ.
އެ ފޮޓޯއަކީ ބޮލީވުޑްގެ ބަތަލް ކުނާލް ކޭމޫގެ 38 ވަނަ އުފަންދުވަސް ފާހަގަ ކުރަން ރާއްޖެ އައި ދަތުރުގައި ނެގި ފޮޓޯއެކެވެ. އެ ފޮޓޯގައި ފެންނަނީ އެ ދެމީހުންގެ އިތުރުން ކަރީގެ ފިރިމީހާ ސައިފް އަލީހާން އާއި ކޮއްކޮ ސޯހާ އަލީ ހާންގެ އިތުރުން އެމީހުންގެ ދަރިން ކަމަށްވާ ތައިމޫރު އަލީ ހާން އާއި އިނާޔާ ކޭމޫ އެވެ.
ކުނާލް އަކީ ސޯހާގެ ފިރިމީހާ އެވެ. ކުނާލްގެ އުފަންދުގެ ތަހުނިޔާ ކިޔުމުގެ ގޮތުން ކަރީނާ އިންސްޓަގްރާމްކޮށްފައިވާ މި ފޮޓޯގައި ބުނެފައިވަނީ އެ ފޮޓޯ އަލުން ހަމަ އެގޮތަށް ނަގަން ވަރަށް އަވަހަށް ރާއްޖެ އަންނާނެ ކަމަށް ވައުދުވާ ކަމަށެވެ.
އެ ފޮޓޯގައި އެމީހުން ތިބީ ޗުއްޓީ ހޭދަ ކުރި ރިސޯޓުގެ ސުވިމިން ޕޫލުގައި އެވެ.
ކަރީނާ ރާއްޖެ އަންނަން އަމިއްލައަށް ވައުދުވި އިރު ދެން އަންނަ އިރު އެ އާއިލާއަށް ވަނީ މެމްބަރަކު އިތުރުވެފައި އެވެ. ކަރީނާއަށް ދެވަނަ ފިރިހެން ދަރިފުޅު ލިބިފައިވަނީ މިދިޔަ ފެބްރުއަރީ 21 ވަނަ ދުވަހު އެވެ.
މިހާތަނަށް އެ ކުއްޖާއަށް ކިޔާ ނަން ހާމަކޮށްފައި ނުވާއިރު ރީތިކޮށް މޫނު ފެންނަ ފޮޓޯއެއްވެސް ހާމަކޮށްފައެއް ނުވެ އެވެ.
https://www.instagram.com/p/CPSMVLQpQR3/?utm_source=ig_embed&utm_campaign=loading
އިންޑިއާ ލޮކްޑައުންގައި އޮތުމުންނާއި ރާއްޖެއަށް އިންޑިއާ ޓޫރިސްޓުން އައުން މަނާކޮށްފައި އޮތުމުން ކަރީނާ ޕްލޭން ކުރަމުންދާ އެ ދަތުރު ކުރެވޭނެ ދުވަހެއް ނޭނގެ އެވެ. ކަރީނާ އެކޭ އެއްގޮތަށް ބޮލީވުޑްގެ ގިނަ ތަރިންތަކެއް ރާއްޖެއަށް ނާދެވިފަ އެބަތިއްބެވެ.
މިދިޔަ އަހަރުގެ ކޯވިޑްގެ ލޮކްޑައުނަށް ފަރު ރާއްޖޭގެ ވައިގެ ބޯޑަރު ހުޅުވާލުމުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވަނީ އިންޑިއާއިންނެވެ. އޭގެ ތެރޭގައި ބޮލީވުޑްގެ ވަރަށް ގިނަ ތަރިން ހިމެނޭއިރު ބައެއް ތަރިން ވަނީ މިއަހަރު ތެރޭގައި އެއްފަހަރަށްވުރެ ގިނައިން ރާއްޖެ އައިސްފަ އެވެ.
އެކަމާއި ގުޅިގެން އެ މީހުންނަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް