މިރޭ ހިނގި ހިތާމަވެރި ހާދިސާއެއްގައި ޒުވާނަކު މިވަނީ އަޅުގަނޑުމެންނާ އަލްވަދާއު ކިޔާފައެވެ. ފަނާ ކުރަނިވި މި ދުނިޔެއާއި ވަކިވެ ގޮސްފައެވެ.
ޕާކު ކޮށްފައިހުރި ގާޑިޔަލެއްގައި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ނިޔާވެފައިމިވަނީ އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެކެވެ. ޒުވާނާގެ ވަނަވަރު އަދި ދުވަހަށް ލިބިފައެއް ނުވެއެވެ.
ނަމަވެސް މި އެކްސިޑެންޓް ހިނގިތާ ކުޑައިރުކޮޅެއް ފަސް ކަމަށް ބެލެވޭ ވީޑިއޯއެއް މިވަނީ ސޯޝަލް މީޑިއާއަށް ތިލަވެފައެވެ.
ވީޑީއޯއިން ފަށާއިރު ފެންނަނީ ބަޔަކު މަގުމަތީގައި އެއްވެ ތިބި ތަނެވެ. ގާޑިޔަލެއް ކައިރީގައި ދެ ސައިކަލެއް ވެއްޓިފައި އޮތްތަނެވެ. އެއަށްފަހު ގާޑިޔާ ކައިރިން ޒުވާނަކު ހިނގާފައި އަންނަ ތަނެވެ. އެއީ ނިޔާވި ޒުވާނާއެވެ.
އަންހެނެއްގެ ހަޅޭކުގެ އަޑާއެކު، އަނެއް ފަރާތުގައި ހުރި ޒުވާނާ، ޒަހަމްވި ޒުވާނާގެ ކަރުން ލޭ އަންނާތީ (ބެލެވޭގޮތުގައި) އޮށޯންނަށް ބުނެއެވެ. އެވަގުތު އަރި އަޅާލައިގެން އެ ޒުވާނާ ވެއްޓޭތަން ފެނެއެވެ.
އަނެއް ފަރާތުގައި ހުރި ޒުވާނާ ޓީޝާޓް ބާލާ، ނިޔާވި ޒުވާނާގެ ލޭ މަނާކުރެވޭތޯ މަސައްކަތްކުރާ މަންޒަރު ފެނެއެވެ. ނަމަވެސް 10 ސިކުންތާއި 20 ސިކުންތާއި ދޭތެރޭގައި ލޭގެ ކޯރެއް ބިންމައްޗަށް އެއްވިތަން ފެނެއެވެ.
ސިފައިންނާއި ފުލުހުންވެސް ސީނަށް ދިޔަތަން ފެނެއެވެ. ބެލެވޭގޮތުގައި އެއީ ކާފިއު ވަގުތު ފޯރިމަރަން ތިބި ފުލުހުންނާއި ސިފައިންނެވެ.
ލޭ މަނާ ކުރެވޭތޯ ކައިރީގައި ތިބި ބަޔަކު މަސައްކަތްކުރަމުންދިޔަ އިރު އެމްބިއުލާންސަށް ގުޅައިފިކަމަށް މީހަކު ބުނާ އަޑުވެސް އިވެއެވެ. މި ވީޑިއޯއަކީ އެއް މިނެޓާއި 46 ސިކުންތުގެ ވީޑިއޯއެކެވެ.
ގައުމުގައި ކޮވިޑު ހާލަތު ގޯސްވެ، ކާފިއު ހިންގާފައިވާ ވަގުތެއްގައި މި ހާދިސާ ހިނގާފައިވުމާއެކު ޒުވާނާއަށް ފަރުވާ ދިނުން ނުވަތަ ސިއްހީ ހިދުމަތްތެރިންނަށް އެ ހިސާބަށް ފޯރި ވަގުތު ލަސް ވީ ކަމުގައި ބެލެވެއެވެ. ނަމަވެސް ރަސްމީ އެއްވެސް އިދާރާއަކުން އަދި މި މަރާއި ބެހޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް