ޔޫޓިލިޓީ ބިލުތަކުން ޑިސްކައުންޓް ދެއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން، މި މަހުގެ ކަރަންޓު ބިލުތަކުން 40 އިންސައްތަ، ފެން ބިލުތަކުން 30 އިންސައްތަ އަދި ވިޔަފާރިތަކުގެ ކަރަންޓާއި ފެން ބިލުތަކުން 20 އިންސައްތަ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
މި މަހުގެ 25 ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް ކަރަންޓު ބިލުން 40 ޕަސެންޓު ސަބްސިޑީ ދޭން ކަމަށެވެ. އަދި ވިޔަފާރިތަކުގެ ކަރަންޓު ބިލުތަކަށް 20 ޕަސެންޓު ސަބްސިދީ ދޭން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހުރިހާ ގޭބިސީތަކަށް އަންނަ މަހުގެ ފެން ބިލަށް 30 ޕަސެންޓު ސަބްސިޑީ ދޭނެ ކަމަށެވެ. އަދި ވިޔަފާރިތަކުގެ ފެން ބިލަށް 20 ޕަސެންޓު ސަބްސިޑީ ދޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ ފެނާއި ކަރަންޓުން ސަބްސިޑީ ދޭން ނިންމީ ރާއްޖޭގެ ކޯވިޑްގެ ހާލަތު ގޯސްވެ މާލެ ސަރަހައްދާއި އަތޮޅުތެރޭގެ ގިނަ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން އެކަމަށް ލުއި ހޯދައިދިނުމަށް ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ކޯވިޑްގެ ރިލީފް ލޯނުގެ ގޮތުގައި ދެމުން އައި ލޯނު ދޫކުރުން މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ދޫކުރަން ފަށާނެ ކަމަށެވެ. ދޫކުރާ ލޯނު، ކެފޭ ރެސްޓޯރެންޓްތަކާއި ކުދި އެހެން ވިޔަފާރިތަކަށް ވެސް ދޭނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
މީގެ އިތުރުން ކޯވިޑާއި ގުޅިގެން މިދިޔަ އަހަރު ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ދެމުން އައި އިކޮނޮމިކް ރިކަވަރީ ލޯނުތައް ވެސް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރު ކޯވިޑާއި ގުޅިގެން މުޅި ރާއްޖެ ލޮކްޑައުން ކުރުމަށް ފަހުވެސް ސަރުކާރުން އެންމެ ފުރަތަމަ އިއުލާނު ކޮށްފައިވަނީ ފެނާއި ކަރަންޓުގެ ސަބްސިޑީ އެވެ. އެފަހަރު ފެން ބިލްތަކުންވެސް 40 ޕަސެންޓު ކަނޑައިދީފަ ވެއެވެ.
މީގެ އިތުރުން މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ މަތީތައުލީމް ހާސިލް ކުރުމަށް ދަރިވަރުންނަށް ދޫކޮށްފައިވާ ލޯނުތަކަށް ދޭނެ ލުޔަކާއި ގުޅޭގޮތުން އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް ވަރަށް އަވަހަށް އެކަމުގައި މަޝްވަރާކޮށް ގޮތެއް ހާމަ ކުރައްވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް