ކޯވިޑުގެ އިންޑިއާ ވޭރިއެންޓު ދުނިޔޭގެ 53 ސަރަހައްދެއްގައި ދަނީ ފެތުރެމުން: ޑަބްލިއުއެޗްއޯ

ކޮވިޑު 19 ގެ އިންޑިއާ ވޭރިއަންޓު ކަމަށްވާ B.1.617 މިހާރު 53 ޤައުމެެއްގައި ފެތުރެމުން ދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔު އެޗު އޯ އިން ބުނެފިއެވެ. އެ ޖަމިއްޔާއިން ވަނީ އިންޑިއާއިން ފެނުނު ވޭ...

26 May 2021 | 19:00

ކޮވިޑު 19 ގެ އިންޑިއާ ވޭރިއަންޓު ކަމަށްވާ B.1.617 މިހާރު 53 ޤައުމެެއްގައި ފެތުރެމުން ދާ ކަމަށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާ، ޑަބްލިޔު އެޗު އޯ އިން ބުނެފިއެވެ.

އެ ޖަމިއްޔާއިން ވަނީ އިންޑިއާއިން ފެނުނު ވޭރިއެންޓު  B.1.617  ވަނީ 3 ބަޔަކަށް ބަހާލާފައެވެ.މީގެ ތެރެއިން އެންމެ ފުރަތަމަ ބާވަތް (B.1.617.1) މިހާރު 41  ސަރަހައްދަކުން ފެނިފައި ވާއިރު، ދެވަނަ ބާވަތް ކަމުގައިވާ   (B.1.617.2)54   ޤައުމަކުން ފެނިފައި ވެއެވެ.އަދި 3 ވަނަ ބާވަތް (B.1.617.3) އިނގިރޭސިވިލާތާއި، ކެނެޑާ، ޖަރުމަންވިލާތް، ރަޝިއާ، އެމެރިކާ އަދި އިންޑިއާ ހިމެނޭހެން 6 ޤައުމަކުން ވަނީ ފެނިފައެވެ.އެހެން ކަމުން، މި ވޭރިއެންޓު 53 ސަރަހައްދެއްގައި މިހާރު އަންނަނީ ފެތުރެމުންނެވެ.

މީގެ އިތުރުންވެސް 7 ޤައުމަކުން މި ވޭރިއެންޓުގެ އަސްލީ ވޭރިއެންޓު ފެނިފައިވާ ކަމަށް މި ރިޕޯޓުން ދައްކައެވެ. ރަސްމީ އިދާރާތައް ނޫން އެހެން މަސްދަރުތަކުން، މި ވޭރިއެންޓު އައު 7 ޤައުމަކުން ފެނިފައިވާ ކަމަށް މައުލޫމާތު ދީފައި ވާއިރު، މިހާރު މި ވޭރިއެންޓު ފެނިފައިވާ ޖުމުލަ 60 ޓެރިޓަރީއެއް ވަނީ ދެނެގަނެ ވިފައެވެ. މި ވޭރިއެންޓު އެކަކު ގައިން އަނެކަކު ގަޔަށް އަރާ މިންވަރު އިތުރު ކަމަށާއި، ބަލި ޖެހޭ މީހުންނަށް އިންފެކްޝަންގެ ސަބަބުން އަސަރު ކުރާ މިންވަރު އިތުރަށް ތަޙްޤީޤު ކުރަމުން އަންނަ ކަމަށް މި ރިޕޯޓުގައި ވެއެވެ.

ނަމަވެސް ފާއިތުވި ހަފްތާ ތެރޭގައި، ދުނިޔޭގެ ނިސްބަތުން ކޮވިޑުގައި މީހުން މަރުވާ ވަރު އަންނަނީ ދަށަށް ދަމުން ކަން ފާހަގަ ކޮށްލެވެއެވެ.އެގޮތުން، 4.1 މިލިއަން މީހުންނަށް ކޮވިޑު ޖެހިފައި ވާއިރު، މަރުވެފައި ވަނީ މުޅި ދުނެޔެއިން 84،000 މީހުންނެވެ. އެހެން ކަމުން ކުރީ ހަފްތާއާއި އަޅާ ބަލާއިރު، މަރުވި މީހުންގެ އަދަދު 2 އިންސައްތަ ދަށްވެ، ބަލި ޖެހުނު މީހުންގެ އަދަދު 14 އިންސައްތައަށް ވަނީ ދަށަށް ގޮސްފައެވެ.އައު ކޭސްތަކާއި މަރު އެންމެ ބޮޑަށް ދަށަށް ގޮސްފައި ވަނީ ޔޫރަޕު ބައްރުންނެވެ. އަދި އެއާއި ޖެހިގެން، އުތުރު އިރުމަތީ އޭޝިއާގެ ސަރަހައްދުތަކުންވެސް ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދާއި، ކޮވިޑާއި ގުޅިގެން މަރުވާ މީހުންގެ އަދަދު އަންނަނީ ދަށަށް ދަމުންނެވެ.

މިއާއި ޚިލާފަށް، އެމެރިކާއާއި، އިރުމަތީ މެޑިޓެރޭނިއަން އަދި އެފްރިކާއާއި ޕެސިފިކްގެ ސަރަޙައްދުގެ އަދަދުތައް ހުރީ ފާއިތުވި ހަފްތާއާއި ދާދި އެއްގޮތަށެވެ. ޑަބްލިޔުއެޗުއޯގެ ޑޮކިއުމެންޓުގައި ވަނީ، ދުނިޔޭގެ ކޮވިޑު ޓްރެންޑު މަޑު މަޑުން ދަށަށް ދާން ފަށާފައިވީ ނަމަވެސް، އަދިވެސް ކޮވިޑު 19 ގެ ކޭސްތައް މަތި ކަމަށާއި، މަރުވާ މީހުންގެ އަދަދުވެސް ގިނަ ޤައުމުތަކެެެއްގައި މަތި ވަމުން އަންނަކަން ވެސް ފާހަގަ ވެފައިވާ ކަމަށެވެ.

ފާއިތުވި 7 ދުވަހުގެ ތެރޭގައި އެންމެ ގިނަ ކޮވިޑު ކޭސްތަކެއް ރިޕޯޓު ކޮށްފައިވަނީ އިންޑިއާއިންނެވެ.އެއީ 1،846،055 އައު ކޭހެވެ.މި ލިސްޓުގެ ދެވަނައިގައި ބްރެޒިލް އޮތް އިރު، ލިސްޓުގެ ތިން ވަނައިގައި އޮތީ އާރޖެންޓީނާއެވެ. އަދި އެއަށް ފަހު އެމެރިކާއެވެ.ނަމަވެސް، އަރޖެންޓީނާގެ އިތުރުން، އެހެން ހުރިހާ ޤައުމެއްގެ އަދަދުތައްވެސް ވަނީ 3 އިންސައްތައާއި 23 އިންސައްތަ އާއި ދެމެދުގައި ދަށަށް ދާން ފަށާފައިކަން ފާހަގަ ކޮށްލެވެއެވެ. އެންމެ ބޮޑަށް އަދަދުތައް ދަށަށް ގޮސްފައިވާ ޤައުމަކީ 23 އިންސައްތައާއިއެކު، އިންޑިއާއެވެ.

މި ރިޕޯޓުގައި އިތުރަށް ވަނީ، ކުރިން ދެނެގަނެވިފައިވާ ވޭރިއެންޓުތަކާއި ގުޅޭ އައު މައުލޫމާތުވެސް ހިމަނާފައެވެ.އެއީ އިނގިރޭސިވިލާތުން ރިޕޯޓު ކުރި ވޭރިއެންޓާއި  އުތުރު އެފްރިކާއިން ރިޕޯޓު ކުރި ވޭރިއެންޓުގެ އިތުރުން އިންޑިއާއިން ރިޕޯޓު ކޮށްފައިވާ ވޭރިއެންޓެވެ.އެ ގޮތުން، ކޮންމެ ވޭރިއެންޓެއްގެ ޖުމުލަ ރިކޯޑު ކުރުމުގައި، ޑަބްލިޔުއެޗުއޯއިން ވަނީ ރަސްމީ އަދި ނުރަސްމީ މަސްދަރުތަކުގެ މައުލޫމާތާއި ޑޭޓާވެސް ހިމަނާފައެވެ.

މި ލިސްޓުގައި މިހާރު މޮނީޓަރު ކުރެވެމުން ދާ 6 ވޭރިއެންޓެއްގެ އައު މައުލޫމާތުތައްވެސް އެކުލެވެއެވެ.އޭގެ ތެރެއިން ފުރަތަމަ ވޭރިއެންޓު އެންމެ ފުރަތަމަ އެއްފަހަރާ 3 ޤައުމަކުން ފެނިފައި ވާއިރު، ދެވަނަ ވޭރިއެންޓު އެންމެ ފުރަތަމަ ފެނިފައިވަނީ އެމެރިކާއިންނެވެ. އަދި ބާކީ ހުރި ވޭރިއެންޓުތައް އެންމެ ފުރަތަހަމަ ފެނިފައި ވަނީ ބްރެޒިލް، ފިލިޕީންސް އަދި ފަރަންސޭސިވިލާތުންނެވެ. މި ރިޕޯޓުގައި ބުނެފައިވަނީ، ވައިރަސް އިވޯލްވެ ބަދަލު ވުމަކީ އާންމު ކަމެއް ކަމަށާއި، ކޮވިޑު 19 ބޮޑަށް ފެތުރޭ ވަރަކަށް، އިވޯލްވެ ބަދަލު ވުމުގެ ގިނަ ފުރުސަތުތަކެއް މި ވައިރަސްއަށް ލިބިގެން ދާނެ ކަމަށެވެ.

އެހެން ކަމުން، މުޅި ދުނިޔޭން ކޮވިޑާއި ދެކޮޅަށް ކުރާ ހަނގުރާމައިގައި، ހުރިހާ އެންެމެންވެސް ގައިން ގަޔަށް ކޮވިޑު 19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެންމެ ފުރިހަމަ ގޮތުގައި އެޅުން މުހިންމު ކަމަށްވެސް މި ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް