މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ވެރިކަން ކުރާ ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރައީސް އަބްދުﷲ ޔާމީނަށް ދިނީ ރަނގަޅަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފި އެވެ.
ރައީސް ޔާމީނަށް ރިޔާސީ ޓިކެޓު ދޭން ނިންމީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ. އެ ނިންމުމުގެ ސައްހަކަށް ކަނޑައަޅައި ދިނުމަށް އެ ޕާޓީން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅީ މިދިޔަ ހަފްތާ ތެރޭގައި އެވެ.
އީސީގެ މެންބަރު އަހުމަދު އަކްރަމް މިއަދު މީޑިއާގައި ވިދާޅުވީ ޕީޕީއެމްއިން ހުށަހެޅި ހުށަހެޅުމަކީ އަސާސީ ގަވައިދާ ގާނޫނުތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްތޯ އެ ކޮމިޝަނުން ދިރާސާ ކުރި ކަމަށެވެ. އަދި ކުރި ދިރާސާތަކުން އެއީ ސައްހަ ނިންމުމެއް ކަމަށް ގަބޫލު ކުރެވޭތީ އެ ނިންމުން ބަލައިގެންފަ ވާކަމަށެވެ.
މިކަމާ ޕީޕީއެމްގެ މަގާމުތަކުން ގަދަކަމުން ދުރުކޮށްފައިވާ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ތާއީދު ކުރައްވާ ބޭފުޅުން ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
އީސީ އިން ދާދި ފަހުން އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް އަންގާފައި ވަނީ ރިޔާސީ ޕްރައިމަރީ ބާއްވަން ޖެހޭނީ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާ ފަރާތްތައް ބައިވެރިކޮށްގެން ކަމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ އެ ޝަރުތު ހަމަވާ ބޭފުޅެއް ނޫން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް