އަލީ ވަހީދުގެ ފާޑު ކިއުމާއި ބަހުގެ ހަމަލާތައް އެމްޑީޕީއަށް!

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފޯރި އާއި އެކު އެމްޑީޕީ އާއި ގުޅިވަޑައިގެން ބޭފުޅުންނަކީ ނުވަތަ މަޖިލީސް މެންބަރުންނަކީ އޭރުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، ފޭދޫ ދާއިރާގެ މެން...

27 May 2018 | 03:00

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެންމެ ފޯރި އާއި އެކު އެމްޑީޕީ އާއި ގުޅިވަޑައިގެން ބޭފުޅުންނަކީ ނުވަތަ މަޖިލީސް މެންބަރުންނަކީ އޭރުގެ ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއި، ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ އެވެ.

އެމްޑީޕީގެ ވެރިކަން ބަދަލުވެ މިއަދާއި ހަމައަށް ޖެހެންދެން އެމްޑީޕީގައި ދެމި ހުންނެވީ އޭގެ ތެރެއިން އަލީ ވަހީދެވެ. އަލްހާން އާއި އެމްޑީޕީގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކުގައި އެންމެ ފަހުން އަލްހާން ޕާޓީން ވަކި ކުރީ އެވެ.

މިރޭ އަލީ ވަހީދުވެސް މިވަނީ އެމްޑީޕީ ދޫކޮށް އިދިކޮޅު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންފަ އެވެ. ޖޭޕީ އާއި ގުޅިވަޑައިގެންނެވުމަށް ޖަރުމަނުވިލާތުގައި ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކައިން އޭނާވެސް އެމްޑިޕީ ދޫކޮށްލީ ހިޔާލު ތަފާތުވުންތަކާ ހެދިކަން ހާމަވެ އެވެ.

އަލީ ވަހީދު ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި އިދިކޮޅު ފަރާތްތަކުން ކޯލިޝަން ހަދަން ތައްޔާރު ކަމަށް ބުނަމުންދާއިރު އެކަން ކާމިޔާބު ނުވަންޏާ ނުވާނީ އެމްޑީޕީގެ ސަބަބުން ކަމަށެވެ. އެކަމަކު ދިވެހިން ތިބީ އިދިކޮޅު ފަރާތްތަކުން އެއް ކެންޑިޑޭޓުގެ ގޮތުގައި ކޮންމެ ބޭފުޅަކު ނެރުނަސް ތާއީދު ކުރަން ތައްޔާރަށް ކަމަށާއި މިކަމަށް ނިމުމެއް އަންނާނީ އޭރުން ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގައި މި ހިޔާލު ގެންގުޅުއްވާ ބޭފުޅުންގެ ތެރޭގައި ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ސޯލިހާއި، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ހިމެނިވަޑައިގެންނަވަ އެވެ. އެކަމަކު އެ ބޭފުޅުން ހުށަހެޅުންތައް ޕާޓީގެ ގައުމީ މަޖިލީހުން ބޭރުކޮށްލީ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިއަދު އެމްޑިޕީގެ މެންބަރުން އިދިކޮޅު އެއް ކެންޑިޑޭޓަކު ނެރުމާއި ބެހޭގޮތުން ނޭނގުމެއްގެ ތެރޭގައި ތިބެންޖެހިފައިވަނީ އެހެންވެ ކަމަށް ވިދާޅުވި އެވެ.

ބެލެވޭ ގޮތުގައި އަލީ ވަހީދު އެ އިޝާރާތް ކުރެއްވީ އިދިކޮޅު ކޯލިޝަން ތެރޭގައި އެއް ކެންޑިޑޭޓަކު ނެރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެވެމުން ދަނިކޮށް ކުއްލިއަކަށް އެމްޑީޕީން ރިޔާސީ ޕްރައިމަރީ އިއުލާނު ކުރި ކުރުމަށް ކަމަށް ވެދާނެ އެވެ. އަދި އެ އިންތިހާބުގައި ރައީސް މުހައްމަދު ނަޝީދު ވާދަ ކުރެއްވުމާއި، ބައިނަލް އަގުވާމީ މީޑިއާގައި އެމަނިކުފާނަށް އިންތިހާބުގައި ވާދަ ކުރެވެން ޖެހޭކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވާތީ ކަމަށް ވެދާނެ އެވެ.

އަލީ ވަހީދު އިތުރަށް ވިދާޅުވީ ކާމިޔާބު ލިބެން އޮތީ އެއް ކެންޑިޑޭޓަކު ނެރެގެން ކަމަށެވެ. ރައީސް ނަޝީދާއި، ރައީސް މައުމޫން އަބްދުލް ގައްޔޫމާއި، އަދާލަތު ޕާޓީ އަދި ޖޭޕީން މަޝްވަރާކުރުމަށްފަހު ކެންޑިޑޭޓަކީ ކޮންމެ ޕާޓީއެއްގެ ބޭފުޅެއް ކަމަށް ކަނޑައެޅި ނަމަވެސް އެ ބޭފުޅެއްގެ ފަހަތުގައި ޖުމްހޫރީ ޕާޓީ އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ބައެއް ކަންކަމަށް ފާޑުވިދާޅުވަމުން އަލީ ވަހީދު ވިދާޅުވީ އޭނާ އިނގިރޭސިވިލާތަށް ވަޑައިގެން ސްކައިޕް މެދުވެރިކޮށް ވާހަކަ ދައްކަވަން ފެށުމުން އެކަން އެމްޑީޕީގެ އިސް ބޭފުޅުންނަށް ޖޯކަކަށްވެ އޭނާ މަގާމުން ދުރުކުރުމަށް ބަހަނާއަކަށް ހެދި ކަމަށެވެ. އެކަމަކު މިއަދު ބޮޑު ރިޔާސީ ކެމްޕެއިނެއް އެމްޑީޕީއިން ސްކައިޕް މެދުވެރިކޮށް ކުރިއަށް ގެންދާތީ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ވާހަކައިން ދޭހަވިގޮތުގައި އޭނާ އެމްޑީޕީ ދޫކޮށްލެއްވީ ކާމިޔާބު ހޯދުމުގައި ހިޔާލުތަފާތުވެގެން ނެވެ. މިސާލުގެ ގޮތުގައި އޭނާ ނެންގެވީ މެލޭޝިއާގައި އެންމެ ފަހުން ބޭއްވި އިންތިހާބުގެ ނަތީޖާ އެވެ.

އަލީ ވަހީދު ވިދާޅުވީ މެލޭޝިއާގެ އަންވަރު އިބްރާހިމަކީ ޖަލުގައި ހުންނެވި އިދިކޮޅު ލީޑަރު އަދި އެންމެ ތާއިދު ބޮޑު އިދިކޮޅު ލީޑަރަށްވީއިރު ވެސް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ދެއްވީ ކުރީގައި އެންމެ ދެކޮޅުވެރި މަހާތީރަށްކަމަށެވެ. އެއީ ވަކި މަގުސަދެއްގައި އަނިޔާވެރި ވެރިކަމެއް ނިންމުމަށް އެ ބޭފުޅުން އިސްކުރި ގައުމީ މަސްލަހަތުކަން ވެސް ފާހަގަކުރެއްވި އެވެ.

އަލީ ވަހީދުގެ މިވާހަކަތަކުން އިދިކޮޅު ފަރާތްތަކުން ބުނަމުންދާ އެއް ކެންޑިޑޭޓަކު ނެރުމުގެ މަޝްވަރާއަށް ކޮންމެސް ފަރާތަކުން ހުރަސް އެޅިފައިވާކަން ދޭހަވެ އެވެ. ސަރުކާރު ހިންގާ ޕީޕީއެމްއިންވެސް ބުނަމުންދަނީ އިދިކޮޅު ކޯލިޝަނަށް އެއް ކެންޑިޑޭޓަކު ނުރެވޭނެ ކަމަށާއި އެކަން މީގެ ކުރިންވެސް ފެނިފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް