މާބޮޑަށް މަޝްހޫރުވުމުން ކާރްތިކް ފިލްމު ކުޅެދޭ އަގު ބޮޑު ކޮށްފި

މިއަހަރު ރިލީސް ކުރި ބޮލީވުޑް ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަށް ލިބުނު ބޮޑު ކާމިޔާބީ އާއި އެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެންދިޔަ ކާރްތިކް އާރްޔަން ފިލްމު ކުޅެދޭ އަގު ބޮޑު ކުރަން ފަށައިފި އެވެ. ...

27 May 2018 | 02:38

މިއަހަރު ރިލީސް ކުރި ބޮލީވުޑް ފިލްމު "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަށް ލިބުނު ބޮޑު ކާމިޔާބީ އާއި އެކު އެ ފިލްމުގައި ލީޑްރޯލުން ފެނިގެންދިޔަ ކާރްތިކް އާރްޔަން ފިލްމު ކުޅެދޭ އަގު ބޮޑު ކުރަން ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އޭނާ "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ކުޅެދިނީ 35 ލައްކަ ރުޕީސް އަށެވެ. އެކަމަކު މިހާރު އޭނާއަށް ހުށަހަޅާފައިވާ ފިލްމު "ޕިޔާރްކާ ޕަންޗްނާމާ 3" ކުޅޭދޭން ކާރްތިކް އެއްބަސްވަނީ ތިން ކްރޯޑު ރުޕީސް އަށެވެ.

އެ ފިލްމުގެ ޕްރޮޑިއުސަރު ކުމާރު މަންގަތު ބުނެފައިވަނީ ކާރްތިކް ފިލްމު ކުޅެދޭ އަގު ކުއްލި ގޮތަކަށް ބޮޑު ކުރުމަކީ ހައިރާންވާ ކަމެއް ނޫންކަމަށެވެ. އޭނާ ބުނީ "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" އަށް ލިބުނު ކާމިޔާބީ އާއި އޭނާއަށް އެ ފިލްމުން އެކަނި ލިބުނު މަޝްހޫރު ކަމަކީ އޭނާ ފިލްމު ކުޅެދޭ އަގު ބޮޑު ކުރުން ހައްގު ކަމެއް ކަމަށެވެ.

އެކަމަކު އަދި މި ފިލްމު ކާރްތިކް ލައްވާ އެ އަގުގައި ކުޅުވުމާއި މެދު ގޮތެއް ނުނިންމަ އެވެ.

ކާރްތިކް ބޮލީވުޑަށް ތައާރަފުވެފައިވަނީ 2011 ވަނަ އަހަރު ރިލީޒް ކުރި "ޕިޔާރްކާ ޕަންޗްނާމާ" އިންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު "ޕިޔާރްކާ ޕަންޗްނާމާ 2" ގައި ލީޑްރޯލް ކުޅުނީ އޭނާ އެވެ. މީގެ އިތުރުން ކާރްތިކް ފެނިގެން ގޮސްފައިވާ ފިލްމުތަކުގެ ތެރޭގައި 2013 ވަނަ އަހަރު ރިލީޒް ކުރި "އާކާޝް ވަނީ" އަދި މިއަހަރު ރިލީޒް ކުރި "ސޯނޫ ކޭ ޓީޓޫ ކީ ސްވިޓީ" ހިމެނެ އެވެ.

މި ހުރިހާ ފިލްމަކީވެސް ޑައިރެކްޓަރު ރަވް ރަންޖަންގެ ފިލްމުތަކެވެ. "ޕިޔާރްކާ ޕަނަޗްނާމާ 3" އުފެއްދުމުގެ މަސައްކަތް ކުރަން އުޅެނީވެސް އެ ޓީމުންނެވެ. އެކަމަކު އެ ފިލްމުގެ ސްކްރިޕްޓު އަދި ތައްޔާރުކޮށް ނުނިމޭ ކަމަށާއި ކުރިޔަށް އޮތް 15 ވަރަކަށް ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިމޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް