އާއިލާއިން ހޮސްޕިޓަލަށް ދޫކޮށްލި ކުރީގެ ބަތަލާ ގީތާ މަރުވެއްޖެ

ބޮލީވުޑްގެ ކުރީގެ ބަތަލާ ގީތާ ކަޕޫރު އުމުރުން 57 އަހަރުގައި މަރުވެއްޖެ އެވެ. އޭނާ މަރުވެފައިވަނީ އާއިލާއިން ނުބަލައި ދޫކޮށްލުމުން މުސްކުޅިން ބަލާ ގެއެއްގައި އުމުރުގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށެވެ...

27 May 2018 | 02:30

ބޮލީވުޑްގެ ކުރީގެ ބަތަލާ ގީތާ ކަޕޫރު އުމުރުން 57 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާ މަރުވެފައިވަނީ އާއިލާއިން ނުބަލައި ދޫކޮށްލުމުން މުސްކުޅިން ބަލާ ގެއެއްގައި އުމުރުގެ ދުވަސްތައް ހޭދަކުރަމުން ދަނިކޮށެވެ. އޭނާ މަރުވިކަން ހާމަކުރީ ބޮލީވުޑްގެ ޑައިރެކްޓަރެއް ކަމަށްވާ އަޝޯކް ޕާންޑޭ އެވެ.

އޭނާ އަކީ ގީތާ މުސްކުޅިން ބަލާ ގެއަށް ގެންދިއުމުގައި އެހީތެރިވެދިން މީހާ އެވެ. އަޝޯކް ބުނެފައިވަނީ ގީތާ މަރުވި އިރުވެސް ދިޔައީ ކުދިން އޭނާ އާއި ބައްދަލު ކުރަން އަންނާނެ ކަމަށް އުންމީދު ކުރަމުން ކަމަށާއި ކޮންމެ ހަފްތާއަކު އެ ކުދިންގެ ހަބަރެއް ވޭތޯ ބަލަން ގީތާ އޭނާއަށް ގުޅާ ކަމަށެވެ.

އަދި އިއްޔެ ގީތާ މަރުވި ހަބަރު ލިބުނީ އޭނާ ހިތްހަމަ ޖައްސައި ދިނުމަށް ހާއްސަ ސައެއް މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބާއްވާފައި ވަނިކޮށް ކަމަށް އަޝޯކް ބުނެފައިވެ އެވެ.

ގީތާގެ ދަރިން އޭނާ ހޮސްޕިޓަލަށް ދޫކޮށްލުމަށް ފަހު ފިލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެވެ. ހޮސްޕިޓަލް ބިލުތަކަށް ފައިސާ ދެއްކޭނެ ގޮތެއް ނެތިފައި އޮތް ގީތާގެ ބިލްތަކަށް އެރި ފައިސާ ދައްކައި ދިނީ ބޮލީވުޑްގެ ދެ ޑައިރެކްޓަރުންނެވެ.

ގީތާ ހޮސްޕިޓަލަށް ދޫކޮށްލާފައި ފިލީ އޭނާގެ ފިރިހެން ދަރިފުޅުގެ ދެމަފިރިންނެވެ. ގީތާގެ އަންހެން ދަރިފުޅު އޭނާ ދޫކޮށް މީހަކާ އިނދެގެން ފިލައިގެން ދިޔަތާ އެތައް އަހަރެއް ވެއްޖެ ކަަމަށް ގީތާ އޭރު ބުންޏެވެ.

ގީތާ މަޝްހޫރުވީ 1972 ވަނަ އަހަރު ރިލީޒް ކުރި "ޕަކީޒާހް" ކިޔާ ފިލްމަކުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް