ނ. ހޮޅުދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކާއި ފިރިހެނަކު ނިޔާވެއްޖެއެވެ.
މިރޭ ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން 27 އަހަރުގެ ހުސްނާ މުޙައްމަދު އާއި އުމުރުން 26 އަހަރުގެ އަހްމަދު އަދީލް ނަމަކަށް ކިޔާ ދެ ޒުވާނުންނެވެ. މި ދެ ޒުވާނުން ނިޔާވެފައިވަނީ މި ދެމީހުން ދުއްވި ސައިކަލު އެ ރަށު ބަނދަރު ތެރެއަށް ވެއްޓިގެންނެވެ.
ބަނދަރު ސަރަހައްދު ފަޅުތެރޭން އެ ސައިކަލު އަދި ނިޔާވި ދެމީހުން ނަގާފައިވާއިރު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން އެ ރަށު ކައުންސިލުން ބުނެފައިވަނީ އެކަން އާންމު ފަރާތަކުން ރިޕޯޓް ކުރުމުން ފުލުހުންނާއި ގުޅިގެން، އެ ދެމީހުން ފަޅުތެރެއިން ނެގި ކަމަށާއި ނަމަވެސް ނެގި އިރުވެސް ދެމީހުން ތިބީ ނިޔާވެފައި ކަމަށެވެ.
މި އެކްސިޑެންޓް ހިނގި ގޮތް އަދި ސާފެއް ނުވެ އެވެ. މި ކަން މީހަކު ކައުންސިލަށް ރިޕޯޓް ކުރީ ދެމީހުން ފަޅުތެރޭން ފެނިގެންނެވެ. ނަމަވެސް އޭނާއަށްވެސް އެކްސިޑެންޓް ހިނގި މަންޒަރު ފެނިފައިނުވާކަމަށް މައުލޫމާތު ލިބެ އެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މި އެކްސިޑެންޓްގެ މައުލޫމާތު މިރޭ 1:30 ހާއިރު ލިބުނު ކަމަށާއި އެކްސިޑެންޓުގައި އަނިޔާވި ދެ މީހުނާއި ސައިކަލް ނަގާފައިވަނީ އެރަށު ފަޅުތެރެއިން ކަމަށެވެ. އަދި އެ ދެމީހުން ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް މަޢުލުމާތު ލިބިފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް