ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގައި ރެއާލް މެޑްރިޑަށް ހެޓްރިކެއް

ލިވަޕޫލް 3-1 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް އަނެއްކާ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ. ރެއާލް އިން އެ ޓީމްގެ 13 ވަނަ ޗެމްޕިއަންސް ލީގު ތަށި މިރޭ އުފުލާ...

26 May 2018 | 21:14

ލިވަޕޫލް 3-1 އިން ބަލިކޮށް ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމް ރެއާލް މެޑްރިޑް އަނެއްކާ ވެސް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ. ރެއާލް އިން އެ ޓީމްގެ 13 ވަނަ ޗެމްޕިއަންސް ލީގު ތަށި މިރޭ އުފުލާލިއިރު، އެ ޓީމް މި ވަނީ ޖެހިޖެހިގެން 3 ވަނަ ފަހަރަށް މުބާރާތް ކާމިޔާބުކޮށް ރެކޯޑެއް ގާއިމް ކޮށްފައެވެ.

މިރޭގެ މެޗުގެ ކުރިން އެންމެ ބޮޑަށް ލޯތައް އަމާޒުވީ ރޮނާލްޑޯ އާއި ސަލާހްއަށް ކަމަށް ވިޔަސް، ފައިނަލް މެޗުގެ ހީރޯއަކަށް ވީ ބަދަލުގައި ކުޅެން ނުކުތް ގެރެތު ބޭލް އެވެ. ރާމޯސް ކުރި ފައުލްއަކުން އަނިޔާވެ ސަލާހް ފުރަތަމަ ހާފު 30 ވަނަ މިނިޓުގައި ކުޅުމާ ވަކިވާން ޖެހުނުއިރު، ރޮނާލްޑޯގެ ފަރާތުން މިރޭ ފެނުނީ ވަރަށް ދަށް ކުޅުމެކެވެ. އަނެއްކޮޅުން، ރެއާލްގެ ކަވަހާލްއަށް އަނިޔާވެ ފުރަތަމަ ހާފުގައި ބަދަލުކުރިއިރު، އޭނާއަށާއި ސަލާހަށް ވެސް ވޯލްޑް ކަޕް ވެސް ގެއްލޭނެކަމަށް ވަނީ ބެލެވިފައެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ދާދި ހަމަހަމަ ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފު ނިމުނީ ލަނޑެއް ނުފެނިއެވެ. ދެ ވަނަ ހާފު ފެށިގެން މެޗުގެ 51 ވަނަ މިނިޓުގައި ރެއާލްގެ ފޯވާޑް ކަރީމް ބެންޒެމާ ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ލިވަޕޫލްގެ ގޯލްކީޕަރަށް ހެދުނު ވަނަ ބޮޑު ގޯހަކުން ބެންޒެމާ ޖެހި ލަނޑެކެވެ. ރެއާލްއިން އުފައްދަން މަސައްކަތް ކުރި ހަމަލާއެއް ނާކާމިޔާބު ކޮށްލާ، ލިވަޕޫލްގެ ކީޕަރ ބޯޅަ ލިބިގަތުމަށްފަހު އެ ޓީމުގެ ކުޅުންތެރިއަކަށް ދޭން އެއްލުމުން ލިބުނީ ކައިރީގައި ހުރި ބެންޒެމާއަށެވެ. އޭނާ ވަނީ އެއްބުރުން ބޯޅަ ގޯލަށް ފޮނުވާލާފައެވެ.

ރެއާލްގެ ލަނޑަށްފަހު ލިވަޕޫލްއިން ކުޅުން ރަނގަޅު ކުރުމުގެ ނަތީޖާއަކަށް ވީ މާކަ ގިނައިރުތަކެއް ނުވެ ނަތީޖާ ހަމަހަމަވުމެވެ. ލިވަޕޫލްއިން އެއްވަރުކުރީ 55 ވަނަ މިނިޓުގައި ސަޑިއޯ މާނޭ ޖެހި ލަނޑުންނެވެ. މިއީ ލޯރެން ދިން ބޯޅައަކުން އޭނާ ޖެހި ލަނޑެކެވެ.

ރެއާލް އިން އަނެއްކާ ވެސް ލީޑު ނެގީ އިސްކޯގެ ބަދަލުގައި ކުޅެން ނުކުތް ބޭލް ޖެހި ހިތްގައިމު ބައިސްކަލް ކިކަކުންނެވެ. މިއީ ބޭލް ކުޅެން ނުކުތްތާ އެންމެ މިނިޓެއްގެ ތެރޭގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

ނަތީޖާ ހަމަހަމަކޮށްލުމަށް ލިވަޕޫލްއިން މަސައްކަތް ކުރިނަމަވެސް އެ ޓީމުގެ އުންމީދު ފެނަށް ދިޔައީ އަނެއްކާ ވެސް ބޭލް ޖެހި ލަނޑަކުންނެވެ. އޭރިޔާގެ ވެސް ބޭރުން ބޭލް ފޮނުވާލި ބާރު ހަމަލާއެއް ލިވަޕޫލްގެ ކީޕަރު ހިފަން އުޅުނު ނަމަވެސް ގޯލަށް ވަނީ އޭނާގެ އަތުގައި ޖެހި މަތަނުވެގެންނެވެ. މި ލަނޑުން ވެސް ލިވަޕޫލްގެ ކީޕަރުގެ ގޯސް ވަރަށް ބޮޑަށް ފާހަގަ ވެގެން ދިޔައެވެ.

ސްޕެނިޝް ލީގާއި ކަޕުގައި ނާކާމިޔާބު ސީޒަނެއް ހޭދަ ކުރަން ޖެހުނަސް، ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގައި އަނެއްކާ ވެސް ތަފާތު ދައްކާލިއިރު، މިރޭގެ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގެރެތު ބޭލްއެވެ.

އަނެއްކޮޅުން މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚްގައި ވެސް އެއް ކޯޗަކު ޖެހިޖެހިގެން 3 އަހަރުގެ ތަށި ޓީމަކަށް ހޯދައިދިން ފުރަތަމަ ފަހަރެވެ. މި ޝަރަފު ލިބިގެންފައިވަނީ ފްރާންސްގައި އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ޒައިނުއްދީން ޒިދާންއެވެ. އޭނާ އަންނަނީ ރެއާލް މެޑްރިޑްގެ ކޯޗުކަމާ ހަވާލުވެ އެ ޓީމަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް