ޖުމްހޫރީ ޕާޓީއަށް މެންބަރުން އިތުރު ކުރުމަށް ކުރިޔަށް ގެންދާ "ހޭވައްލާ ޖޭޕީ" ކެމްޕެއިން ގެ ދަށުން އެމްޑީީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީ އާއި ގުޅިއްޖެ އެވެ.
މިރޭ ޖޭޕީ އާއި ގުޅިފައިވަނީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަލީ ވަހީދާއި، އޭނާގެ ގާތް އެކުވެރިޔާ އަދި ފުޓުބޯޅަ ކުޅުންތެރިޔާ އައްސަދު އަލީ (އަޑުބަރޭ() ގެ އިތުރުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުންތަކެކެވެ. އޭގެ ތެރޭގައި ކުޅުދުއްފުށީ ދެކުނު ދާއިރާގެ ރައީސް ހަސަން ސުޖާއު އާއި އއ. އަތޮޅު ކައުންސިލްގެ ކުރީގެ ނައިބު ރައީސް އަލީ ސަމީރާއި އެމްޑީޕީގެ މެންބަރު މުހައްމަދު ޝައްފާޒާއި އެމްޑީޕީ ގައުމީ މަޖިލީހުގެ މަތިވެރި ދާއިރާގެ ރައީސް މުހައްމަދު ސަމީރު ވަނީ ސޮއިކޮށްފަ އެވެ. އަދި ވަކީލާ ހަނީފާ ހާލިދު ވެސް މިރޭ އެ ޕާޓީއާ ވަނީ ގުޅިފަ އެވެ.
އަލީ ވަހީދު ޖުމްހޫރީ ޕާޓީ އާއި ގުޅިވަޑައިގެންނެވުމަށް ބޭއްވި ރަސްމިއްޔާތު އޮތީ ޖަރުމަނު ވިލާތުގައި އެވެ. މި ރަސްމިއްޔާތުގައި ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް އާއި ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު ބައިވެރިވެ ވަޑައިގެންނެވި އެވެ.
އެ ޕާޓީއާ ގުޅިވަޑައިގަތުމަށް ފަހު ވާހަކަ ދައްކަވަމުން އަލީ ވަހީދު ވިދާޅުވީ ގާސިމްގެ ތަޖުރިބާ އަށް ބަލާއިރު، ރާއްޖެ އަށް ދިމާވެފައިވާ "ކާރިސާ" ހައްލުކޮށް ދެވޭނެ "ސަމުގާ" އަކީ ގާސިމް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި ގާސިމަކީ އިގްތިސާދީ ގޮތުން މުފައްކިރެކެވެ. އިޖުތިމާއީ ގޮތުން ގާސިމަކީ "މުދައްބިރެއް" ކަމަށާއި ސިޔާސީ ގޮތުން އޭނާ އަކީ "ހުދަންބަރެއް" ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
ޖޭޕީން ކުރިޔަށް ގެންދާ "ހޭވައްލާ ޖޭޕީ" މި ކެމްޕެއިންގައި އަތޮޅުތެރެއަށްވެސް ދަތުރު ކުރުމަށް ހަމަޖެހިފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް