މެދުއުމުރުގެ ދިވެއްސަކު އޭނާގެ އެކުވެރިޔާ އަށް މުޚާތަބުކޮށް ބުންޏެވެ. " މިރޭ ހާދަ މީހުން ގިނައޭ މިސްކިތުގައި، ކޮބާ މި މީހުން އެހެން ރޭރޭ". މަލާމާތުގެ ރާގަކަށް ހިނިތުވަމުން އޭނާ ބުންޏެވެ. އޭނާގެ އެކުވެރިޔާ ހީލަމުން ބުންޏެވެ. " އާނ އަހަރަމެން އެހެން ރޭރޭ ވެސް މިސްކިތަށް އަންނަން. މި ވަރެއް ނުވޭ".
އޭ މުސްލިމް އަޚާއެވެ. ތިބާ އެހެން ރޭރޭ މިސްކިތަށް އަންނާތީ އަހަރެން އުފާކުރަމެވެ. އަދި ދަންނަވަމެވެ. އެހެން ރޭރޭ ނާންނަ މީހަކު މިސްކިތަށް އައިމަވެސް އުފާކުރަމެވެ. ފަހަރެއްގައި ތިބާ އެހެންބުނީ ގޯސް ނިޔަތެއް އޮވެގެން ކަމަށް ނުވެދާނެއެވެ. އެހެންނަމަވެސް ވިސްނާލާށެވެ. މީ ދިވެހިންގެ ތެރޭގައި ދެކެވޭ ވާހަކައެކެވެ. ހަމައެކަނި ރޯދަ މަހު މިސްކިތުން މީހުން ފެންނަ ވާހަކަޔަކީ އާއްމުކޮށް އަޑުއިވޭ ވާހަކައެކެވެ.
އެކަމާ ބައެއް މީހުން ޖޯކު ޖަހާއިރު، ހަގީގަތުގައި މީ އެއަށް ވުރެ ސީރިއަސް ކަމެކެވެ. މިކަމުގައި މިގޮތަށް ވިސްނާލަމާހެއްޔެވެ. ތިބާގެ އެކުވެރިޔަކު، ތިބާގެ ގެއަށް ޒިޔާރަތްނުކުރެއެވެ. އެހެނަސް ގިނަ ދުވަސްތަކެއް ކޮށްފައި އޭނާ ތިބާގެ ގެއަށް ޒިޔާރަތްކުރިއެވެ. ތިބާ ވާނީ އުފާހެއްޔެވެ. ނުވަތަ ދެރަ ހެއްޔެވެ. މިސްކިތްތަކަކީ ބިން މަތީގައިވާ ﷲ ގެ ގެކޮޅެވެ. އެކަލާގެ އަޅުތަކުން މިގެތައް ޒިޔާރަތްކުރުމުން ހަމަކަށަވަރުން ވެސް އެކަމަކީ ﷲ ގެ ހަޒުރަތުގައި ދަރުމަލިބިގެންވާ ކަމަކަށް ނޫނީ ނުވާނެއެވެ. އެކަލާގެއީ ރަހުމާން ވަންތަ ރަހީމްވަންތަ ރަސްކަލާގެއެވެ. އެކަލާގެ ގެކޮޅަށް އެކަލާގެ އަޅުތަކުންގެ ތެރެއިން މީހަކު އައުމުން ތިބާ އެކަމާ ޝަކުވާނުކުރާށެވެ. އުފާކުރާށެވެ. އަދި އެމީހުންނަށް މިކަމުގައި ދެމިތިބެވޭނެ ގޮތްވުން އެދި ދުއާކުރާށެވެ.
އޭ މުސްލިމް އަޚުންނާއި އުޚުތުންނެވެ. ހެޔޮކަންތައް ކުރުމުގައި އެކަކު އަނެކަކަށް ވާގިދީ ހިތްވަރުދެމާ ހިނގާށެވެ. ފަހަރެއްގައި ވެސް ތިބާގެ މުސްލިމު އަޚުންނާއި އުޚުތުން މާޔޫސްވާނެ ކަމެއް ނުކުރާށެވެ. މިހެޔޮކަމުގެ މައްސަރެވެ. މިމަހުގެ ސަވާބާއި ދަރުމަ ލިބިގަންނަށް އަވަސް ވެގަންނާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް