ރޯދަ މަހާއި ދިމާކޮށް ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ އައިސިސް އިން ހުޅަނގަށް ހަނގުރާމަ އިއުލާނު ކޮށްފި އެވެ.
އައިސިސް އިން ހަނގުރާމަ އިއުލާނު ކޮށްފައި ވަނީ މިދިޔަ ހޯމަދުވަހު އިންގްލޭންޑްގެ މްންޗެސްޓަރ އަށް ދިން ހަމަލާއަށް ފަހުގަ އެވެ. މި ހަމަލާ ދީފައިވަނީ އެމެރިކާގެ މަޝްހޫރު ޕޮޕް އާރޓިސްޓެއް ކަމަށްވާ އަރިއާނާ ގްރާންޑޭގެ ކޮންސެޓަކަށެވެ. މި ހާދިސާގައި އެތައް ބަޔަކު ޒަހަމް ވެފައި ވާއިރު 22 މީހުން ވަނީ މަރުވެފަ އެވެ.
އައިސިސް އިން ޔޫޓިއުބަށް ލާފައިވާ މެސެޖެއްގައި، ޔޫރަޕުގައި ދިރިއުޅޭ މުސްލިމުންގެ ތެރެއިން ސީރިއާ އަށް ދާން ބޭނުންވެފައި ނުދެވި ތިބި މީހުންނަށް ޤައުމުގައި ތިބެގެން އެމީހުންގެ ޤައުމުތަކަށް ހަމަލާ ދިނުމަށް ގޮވާލައިފަ އެވެ.
މައުސޫމުކަމަށް ހެދިގެން އުޅޭ މީހުންނާ ކުރާ ހަނގުރާމަ ހުއްޓާ ނުލުމަށާއި އެ ހަނގުރާމައިގެ ސަބަބުން މި ރޯދަމަހުގެ ހެޔޮސަވާބާއި މަތިވެރިކަން އެ މީހުންނަށް ލިބޭނެކަމަށްވެސް އައިސިސް އިން ވަނީ ޔޫޓިއުބްގެ މި ވީޑީޔޯގައި ހާމަ ކޮށްފަ އެވެ.
މިދިޔަ އަހަރުވެސް ރޯދަމަހާއި ދިމާކޮށް އައިސިސްގެ ތަރުޖަމާނު އަބޫ މުޙައްމަދު އަލް އަދްނާނީ ވަނީ ހަމަ މިފަދަ ހަނގުރާމައަކަށް ގޮވާލާފަ އެވެ.
މިދިޔަ އަހަރު އައިސިސް އިން ރޯދަމަހުގައި ދިން އެންމެ ބޯޑު އެއް ހަމަލާއަކީ އޮލާންޑޯގެ ނައިޓް ކުލަބަކަށް ދިން ބޮމުގެ ހަމަލާ އެވެ. މީގެ އިތުރުން ޕެރިސް ގެ ފުލުހަކާއި އޭޏާގެ އަންހެނުން ގަޔަށް ވަޅި ހަރައި މަރާލުމާއި އިސްތާންބޫލްގެ އަތަތާކް އެއާޕޯޓަށް ދިން ހަމަލާއާއި ޖާނުން ފިދާވުމުގެ ތިން ހަމަލާއެއްވެސް ވަނީ ދީފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް