ރޯދަޔާއި ވިދިގެން ތަފާތު އެކި ކުލަކުލައިން އެކި ޑިޒައިނުތަކުން ފާނޫޒު ބައްތި ޒީނަތްތެރިކޮށް ހެދުމަކީ މިޞްރުގައި ކުރަމުން އަންނަ ވަރަށް ޒާމާންވީ ސަޤާފީ ކަމެކެވެ.
ބައެއް ފާނޫޒު ބައްތިތައް ލަވަޖެހޭ ގޮތައް ތައްޔާރުކުރާއިރު، އުއްބަތި ބޭނުންކޮށްގެން ދިއްލާލެވޭ ކަހަލަ ފާނޫޒުތަކާއި މިނޫންވެސް އެކިއެކި ގޮތްގޮތައް ފާނޫޒުތައް ތައްޔާރުކޮށް ވިއްކަން ހުރެ އެވެ. ރޯދަމަސް ގާތްވާ ވަރަކަށް މިޞްރުގެ ބާޒާރުމަތީ މަގުތަކާއި އެކި ތަންތަނުގައި ފުރެންދެއް ފާނޫޒު ބައްތިތައް ބަހައްޓާފައި ހުރެ އެވެ. މި ފާނޫޒުތަކަކީ ރޯދަމަހުގެ ސަޤާފީ ރަމްޒެއްގެ ގޮތުގައި މިޞްރުގެ މީހުން ދެކެ އެވެ.
މިޞްރުގައި އެ ސަޤާފަތް ފުރަމަތަ ފެށިގެން އައިގޮތާއި ބެހޭގޮތުން އެކި ގޮތްގޮތައް ވާހަކަދެކެވެ އެވެ. އެންމެ ގިނަބަޔަކު އެއްބަސްވަނީ އެ ސަޤާފަތް ފެށުނީ މެޑިޓޭރިއަން ކަނޑުގެ ހިސާބުތަކުގައި ހިޖުރައިން 362 ވަނަ އަހަރު ދައުލަތް ހިނގި ޝިޢާ މުސްލިމް ކެލިފޭޓް ފާތިމިދްގެ ދުވަސްވަރުގަ އެވެ.
ބުނެވޭ ގޮތުގައި ފާތިމިދް ކަލިފް އެ އަހަރު ރޯދަމަހުގެ ރެޔެއްގައި މިޞްރުގެ ވެރިރަށް ކެއިރޯއަށް ޒިޔާރަތްކުރި އެވެ. އޭރު މިޞްރުގައި އުޅުނު މީހުން އޭނާއަށް މަރުޙަބާ ކިޔުމުގެ ގޮތުން ބޭއްވި ޙަފްލާއެއްގައި އަލިކުރުމުގެ ގޮތުން ފާނޫޒު ބޭނުންކުރަން ފެށި އެވެ. އޭގެ ފަހުން ރޯދަމަހުގެ ރޭތަކުގައި ދިއްލުމަށް ފާނޫޒު ހެދުމަކީ އެ ޤައުމުގައި ސަޤާފީގޮތުގައި ކުރަމުން އަންނަ ކަމެކެވެ.
އެހެން ވާހަކަތައް ބުނާގޮތުގައި ފަތިމިދް ކަލިފް މިޞްރަށް ޒިޔާރަތްކުރެއްވުމުން އެ ޤައުމުގެ ކުޑަކުދިން ރޭގަނޑު ބޭރަށް ގޮސް ކަލިފްއަށް މަގުދެއްކުމަށް އަލިކުރުމުގެ ގޮތުން ފާނޫޒު ބޭނުންކުރި އެވެ. އަދި ރޯދަމަސް ފެށުމުގެ އުފަލުގައި ފާނޫޒުތައް ދިއްލާ މަރުޙަބާގެ ލަވަތައް ކީކަމަށްވެ އެވެ.
އެ ފާނޫޒުތަކުގެ މަޤުބޫލުކަން އެންމެ ބޮޑީ އެޤައުމުގެ ކުޑަކުދިންގެ މެދުގައި އެވެ. ރޯދަމަސް އަންނައިރު ގޭގޭގެ ދޮރުމައްޗާއި، ގޭގެ އެތެރެއާއި ބެލްކަނީތައް ފާނޫޒުތަކުން ޒީނަތްތެރިކޮށްފައިހުރެ އެވެ.
މިޞްރުގެ އިތުރުން ޢަރަބި އިސްލާމީ އެހެން ޤައުމުތަކުގައިވެސް އެ ސަޤާފަތް މިހާރު ކޮންމެވެސް ވަރަކަށް ފެތުރިގެން ގޮސްފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް