ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރް އިބްރާހީމްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ ޤައުމަށް ފުރާވަޑައިގަތުމުގެ ކުޑަ ވަގުތުކޮޅެއް ކުރީން ދެއްވި ބަސްދީގަތުމެއްގައެވެ.
ރައީސް ވިދާޅުވީ ޤައުމުގައި ޢަދުލު އިންސާފު ޤާއިމްކުރުމުގައި ރައީސް ޖަވާބުދާރީވާންޖެހޭ ހަމައެކަނި ފަރާތަކީ ދިވެހި ރައްޔިތުންނަށް ކަމަށާއި މިއަދުގެ ސަރުކާރަކީ ޢަދުލު އިންސާފު ޤާއިމްކުރާނޭ ސަރުކާރެއް ކަމަށެވެ.
މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާތަކަށް އިޝާރާތްކުރައްވާ، ރައީސް ވިދާޅުވީ ޒުވާނުންގެ ހަޤީޤީ ކަންބޮޑުވުންތަކެއް ހުރިކަމަށާއި އެކަންކަމަށް ޙައްލު ހޯއްދަވައިދެއްވައި، ރޫލް އޮފް ލޯ ޤާއިމްކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނޭ ކަމަށެވެ.
އެގޮތުން ހުރިހާ ހާލަތެއްގައިވެސް ޢަދުލު އިންސާފު ޤާޢިމްކުރައްވާނޭ ކަމަށާއި، ވަކި ފަރާތަކަށް ހިމާޔަތް ދިނުމަކީ މި ސަރުކާރުން ކުރާނޭ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މިހާރު ޤައުމުގައި އުފެދިފައިވާ ސުވާލުތަކަކީ ޖަވާބުލިބެންޖެހޭ ސުވާލުތަކެއް ކަމަށް ޤަބޫލުކުރައްވާ ކަމަށާއި، އެސުވާލުތަކަށް ޖަވާބު ހޯދުމަށް މިހާރު އެކުލަވާލައްވާފައިވާ ކޮމިޝަނާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ ތަހުގީގުން އެސުވާލުތަކަށް ޖަވާބުލިބި، އަޅަންޖެހޭ ތަންފީޒީ ފިޔަވަޅުތައް އަޅުއްވާނޭ ކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.
ރައީސް ވިދާޅުވީ އެ މަނިކުފާނުގެ އެންމެ އިސް ޒިންމާއަކީ، ޤައުމުގައި ޢަދުލު އިންސާފު ޤާއިމް ކުރުންކަމަށާއި، އެކަމުގައި ވަކި ފަރާތެއް އިސްތިސްނާވެގެން ނުވާކަމަށެވެ.
މީގެ އިތުރުން ޤައުމުގެ ޙައްޤުގައި އަޅުއްވަންޖެހިވަޑައިގެންނެވި ފިޔަވަޅުތައް މިހާރުވެސް ވާނީ އަޅުއްވާފައިކަމަށާއި، އެ ފިޔަވަޅުތަކަކީ ޤައުމުގެ ސަލާމަތާއި، އަމާންކަމާއި، ތަރައްޤީއަށްޓަކައި އަޅުއްވާފައިވާ ފިޔަވަޅުތަކެއްކަމަށް ކަމަށެވެ.
މިފަދަ ފިޔަވަޅުތައް އަޅުއްވާފައި ވަނީ، ރައްޔިތުންގެ އިތުބާރު ދެމެހެއްޓުމަށްޓަކައި ކަމަށާއި މި ހާލަތުގައިވެސް އެފަދަ ފިޔަވަޅުތައް އަޅުއްވާނޭ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް