ރައީސް ޖެން-ޒީ އަށް: ތި ކުދިންގެ ޖަޒުބާތު ސިޔާސީ ގޮތުން މިސް ޔޫޒް ކުރިއަ ނުދެއްވާ

ފުރާޅެއްގެ މައްޗަށް އުމުރުން 21 އަހަރުގެ، ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގާ ޖެން-ޒީ (ޒުވާނުން) ކުރިއަށްގެންދާ ހަރަކާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ މެސެޖެއް ދެއްވައިފިއެވެ. ރައީސް މި މެސެޖު ދެއ...

27 Apr 2025 | 07:18

ފުރާޅެއްގެ މައްޗަށް އުމުރުން 21 އަހަރުގެ، ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގާ ޖެން-ޒީ (ޒުވާނުން) ކުރިއަށްގެންދާ ހަރަކާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ހާއްސަ މެސެޖެއް ދެއްވައިފިއެވެ.

ރައީސް މި މެސެޖު ދެއްވީ މިއަދު މެލޭޝިޔާއަށް ފުރާވަޑައިގަތުމުގެ ކުރިންނެވެ.

ރައީސްގެ މެސެޖުގައި ވިދާޅުވީ މިކަމުގައި ޒުވާނުންގެ ހުރީ ޖެނުއިން ކަންބޮޑުވުންތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެހެން ނަމަވެސް މިހާރު ޖެން-ޒީ ކުދިންގެ ޖަޒުބާތު ބޭނުންކޮށްގެން ސިޔާސީ ގޮތުން ގައުމުގައި ހަލަބޮލިކަން އުފައްދަން މަސައްކަތް ކުރާ މަންޒަރު ފެންނަ ކަމަށެވެ.

"ތި ކަންބޮޑުވުމާ، ޖަޒުބާތު، ޖެނުއިން، ކަންސާންސްގެ މިސްޔޫޒް ކުރިޔަ ނުދޭށޭ، އެއްވެސް ފަރާތަކަށް" ރައީސް ވިދާޅުވިއެވެ.

އެއީ އެކުދިންވެސް ބޭނުންވާނެ ގޮތް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގެން އަދި ރިޔާސީ އިންތިޚާބުގެ ތެރޭގައިވެސް ވިދާޅުވިފަދައިން ރައީސަށް ބާރު ފޯރުވޭނެ އެއްވެސް ފަރާތެއް ނުހުންނާނެ ކަމަށެވެ. އަދި ޖެހިލުންވާ ބިރު ގަންނަ އެއްވެސް ވަކި ފަރުދެއް، ފަރުދުންތަކެއް ނުހުންނާނެ ކަމަށެވެ.

ޔުމްނު ވެއްޓުނު މައްސަލަ ތަހުގީގު ކުރުމަށް ރިޔާސީ ކޮމިޝަނެއް އުފެއްދެވިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ ކޮމިޝަނަކީ ހުރިހާކަމެއް ކުރުމުގެ ބާރު، ކޮންމެ ދޮރެއްގައިވެސް ޓަކި ޖެހުމުގެ ބާރު ދީފައިވާ މިނިވަން ކޮމިޝަނެއް ކަމަށެވެ. އަދި ފުލުހުންގެ ތަހުގީގުވެސް ހަމަ ކުރިއަށްދާނެ ކަމަށެވެ.

އެންމެ މުހިންމީ ގައުމުގެ ހަމަޖެހުމާ ސުލްހަ މަސަލަސްކަން ކަމުގައި ރައީސް ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ގައުމުގެ ހަމެޖެހުމާ ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ނަގަންޖެހޭ ކޮންމެ ޑިޒިޝަނެއް ނަންގަވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް