އުމުރުން 21 އަހަރުގެ ހައްވާ ޔުމްނު ރަޝީދު، ގެއެއްގެ ފުރާޅު މައްޗަށް ވެއްޓިފައި އޮއްވާ ފެނުނު މައްސަލަ ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ކޮމިޝަނެއް އުފައްދަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އުފެއްދެވި އެ ރިޔާސީ ކޮމިޝަނަށް ދީފައިވާ ނަމަކީ "2025 އޭޕްރީލު 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙުޤީޤުކުރާ، ރައީސުލްޖުމްހޫރިއްޔާގެ ޙާއްޞަ ކޮމިޝަން" މި ނަމެވެ.
އެ ކޮމިޝަނުގެ މެންބަރުންނަކީ
- ޑރ. މުޙައްމަދު މުނައްވަރު، ގ. ހަސަންކާރިގެ
- ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަޑް އަޙްމަދު މުޙައްމަދު، ވ. އަލްމާން
- ޑރ. މުޙައްމަދު ޙަބީބު، ސީސަންމާގެ، ސ. ހިތަދޫ
އައްޔަނުކޮށް، އެ މެންބަރުންގެ ތެރެއިން ޑރ. މުނައްވަރަކީ މި ކޮމިޝަނުގެ ރައީސްކަމުގައި ކަނޑައަޅައި
2025 އޭޕްރީލް 18 ވަނަ ދުވަހު މާލޭގެ ގެއެއްގެ ފުރާޅުމަތީގައި ދިވެހި ޒުވާނަކު ވެއްޓިފައި އޮއްވައި ފެނުނު މައްސަލައާއި އެ މައްސަލައިގެ ވަށައިގެންވާ ކަންކަން ތަޙުޤީޤުކުރުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައްކޮށް، އެ ހާދިސާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން މިހައިތަނަށް ކޮށްފައިވާ މަސައްކަތްތަކަކީ ކޮބައިކަން ބަލައި، އެ މައްސަލައިގައި ކަންހިނގައިފައިވާ ގޮތުގެ ތަޙުޤީޤެއްކޮށް، އަހުރެންނަށް ލަފާ ދިނުމުގެ މަސްޢޫލިއްޔަތު އެ ކޮމިޝަނާ މަތިކޮށްފައިވާކަމަށް ރައީސްގެ ގަރާރުގައި ވެއެވެ.
ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން ގިނަ ބާރުތަކާއި އިމްތިޔާޒުތަކެއް އެ ކޮމިޝަނަށް ދީފައިވެއެވެ.
އެގޮތުން ދީފައިވާ ބާރުތަކާއި އިމްތިޔާޒުތަކުގެ ތެރޭގައި ހިމެނެނީ
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގައްޔާއި ކޮމިޝަނުން ކުރިއަށްގެންދާ ތަޙުޤީޤުތަކަށް ދައުލަތުގެ އެންމެހައި މުއައްސަސސާތަކާއި އެހެނިހެން ފަރާތްތަކުގެ އެހީތެރިކަން ހޯދުން
- ކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމުގައްޔާއި ތަޙުޤީޤުތަކުގައި އެހީތެރިވުމަށް ރާއްޖެއިން ބޭރުގެ ކަމާބެހޭ ފަރާތްތައް ގެނައުމާއި، ރާއްޖެއިން ބޭރުގެ ޚަބީރުންގެ އެހީތެރިކަން ހޯދުން
- ކޮމިޝަނުގެ މަސްއޫލިއްޔަތު އަދާކުރުމުގެ ގޮތުން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކުރާ ޤާނޫނު ތަންފީޒުކުރާ އިދާރާއެއްގެ ބާރު ބޭނުންކުރުން
- ހައްޔަރު އަމުރާއި، ޖިނާއީ ތަޙުޤީޤުތަކާ ގުޅޭ އެންމެހައި ކޯޓު އަމުރުތަކަށް ކޯޓުގައި އެދުން
- ހާޒިރުކުރަންޖެހޭކަމަށް ކޮމިޝަނަށް ފެންނަ ކޮންމެ ފަރާތެއް ކޮމިޝަނަށް ހާޒިރުކޮށްގެން ސުވާލުކުރުމާއި، މައްސަލައާ ގުޅިގެން ބޭނުންވާ ކޮންމެ ލިޔުމެއް ނުވަތަ އެނޫންވެސް ހެކި ހޯދުމާއި، އެކިއެކި ފަރާތްތަކުގައި ހުންނަ އެފަދަ ތަކެތި ހުށަހެޅުމަށް އެންގުން
- ކޮމިޝަނުން ބަލާ މައްސަލައަކާ ގުޅޭގޮތުން ކޮމިޝަން ނޫން އެހެން ފަރާތަކަށް އެއްވެސް ތަޙުޤީޤެއްކޮށްފައވާނަމަ، އެ ތަޙުޤީޤަކުން ނުވަތަ އެނޫންވެސް ގޮތަކުން ހޯދާފައިވާ ހޯދުންތަކާއި، އެ ފަރާތެއްގެ ބެލުމުގެ ދަށުގައި ހުރި ލިޔެކިޔުންތަކާއި، ހެއްކާއި ޤަރީނާތަކާއި، އެނޫންވެސް މަޢުލޫމާތު ހޯދުން
ރައީސްގެ ގަރާރުގައި އިތުރަށް ބުނެފައިވަނީ މި ކޮމިޝަނަކީ، ކޮމިޝަނާ މަތިކުރެވޭ މަސައްކަތްތައް ފުރިހަމަވެއްޖެކަމަށް އަހުރެން ކަނޑައެޅުމާ ހަމަޔަށް ދެމި އޮންނާނޭ ކޮމިޝަނެއް ކަމުގައި ކަނޑައަޅުއްވާފައިވާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް