ބާވެފައިވާ މުސްހަފުތަކާއި، ޤުރުއާނުގެ އާޔަތްތަކާއި ، ހަދީޘް ހިމެނޭ ފޮތްތައް ނައްތާލަން ބޭނުންވެފައިވާ ފަރާތްތަކަށް ސިޓީ ކައުންސިލާ އެތަކެތި ހަވާލުކުރުމުގެ ފުރުސަތު މިއަދުން ފެށިގެން ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ފޮތްތަކާއި ހަވާލުވުމަށް ކަނޑައެޅިފައިވަނީ މިއަދުން ފެށިގެން މޭ މަހުގެ 2 ގެ ނިޔަލަށް، ކޮންމެ ދުވަހަކު ހެނދުނު 9:00 އަކުން ހަވީރު 4:00 އަށެވެ. މި ތަކެއްޗާއި ހަވާލުވާނީ، ސިޓީ ކައުންސިލްގެ ޢާއްމު ޙިދުމަތްތަކާބެހޭ ބައި (ތައިސޭކޮށި) ވިލިމާލެ ސެކްޝަނުންނާއި ހުޅުމާލެ ސެކްޝަނުންނެވެ.
މިކަން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަހަރަކު ދެ ފަހަރު ކަމަށް މާލެ ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ. މިއީ މި އަހަރު މިކަން ކުރިޔަށް ގެންދެވޭ ފުރަތަމަ ފަހަރެވެ.
ބާވެފައިވާ މި ޒާތުގެ ފޮތްތައް އާއްމު ކުންޏާއި އެއްކޮށް އުކުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމުގައި ގިނަ ދީނީ ޢިލްމުވެރިން ވަނީ ވިދާޅުވެފައެވެ.
އެގޮތުން ބާވެފައިވާ މުސްހަފު ފަދަ ތަކެތި ނައްތާލުމަށް އެންމެ އެދެވިގެންވާ ގޮތަކީ އާއްމުކޮށް މީހުން ހިނގާ ނޫޅޭ ސަރަހައްދެއްގައި ވަޅުލުމެވެ. ނުވަތަ ކުނި ބުނި އާއްމުކޮށް ނާންދާ ސަރަހައްދެއްގައި އެންދުން ކަމުގައި ގިނަ ޢިލްމުވެރިން ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް