ހ.ދ ކުޅުދޫފުށި، ޕީއެންސީ އޮފީހުގައި ރޯކޮށްލި މައްސަލަ އާއި ގުޅިގެން ހައްޔަރު ކުރި މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ. ރޯކޮށްލާފައި ވަނީ ކުޅުދޫފުށީ ދެކުނު ދާއިރާގެ އިންތިހާބީ މެންބަރު ފަރުހަތު މުހައްމަދުގެ ކެންޕޭނު އޮފީހުގައެވެ. މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ 31 އަހަރުގެ ، ކުޅުދޫފުށި ހީނާމާގެ، އަންވަރު މުހައްމަދެވެ.
އަންވަރުގެ މައްޗަށް ކުރެވެނީ ގަސްދުގައި އަލިފާން ރޯކޮށް މުދަލަށް ބޮޑެތި ގެއްލުން ދިނުމުގެ ކުށުގެ ތުހުމަތު ކަމުގައި ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. ކެންޕޭނު އޮފީހުގައި ރޯކޮށްލަން އުޅުމުގެ ތެރޭގައި އަންވަރަށް ލިބުނު އަނިޔާތަކަށް ފަރުވާ ކުރުމަށް، ކުޅުދޫފުށީގައި ރަގަނޅު ފެންވަރެއްގެ ހޮސްޕިޓަލެއް ހުރި އިރުގައި، އަންވަރުވަނީ އެހެން ރަށަކަށް ގޮސް ފަރުވާ ހޯދާފައި ކަމަށް އެ ކޯޓުން ވަނީ ބުނެފައެވެ. ކޯޓަށް ހާޒިރު ވުމަށް އެދި ޗިޓް ފޮނުވުމުންވެސް ކޯޓަށް ފިލައިގެން ކޯޓަށް ހާޒިރުނުވެ މައްސަލައާއި ފިލައިގެން ރާއްޖެއިން ބޭރަށް ދާން މަސައްކަތް ކޮށްފައިވާކަމަށް އައިއޯ އާއި ހަވާލާދީ އެ އަމުރުގައި ބުނެފައިވެއެވެ.
އެހެން ނަމަވެސް އަންވަރު ވަނީ މި ތުހުމަތަށް އިންކާރު ކޮށްފައެވެ. އަންވަރު ބުނީ، އޭނާ މަސައްކަތްކުރީ ފިލައިގެން ދާން ނޫން ކަމަށްށާއި، އޭނާ ބޭރަށް ދިޔުމަށް މަސައްކަތް ކުރީ ދަރިފުޅުގެ ބޭސް ފަރުވާއަށް ދިޔުމަށް ކަމަށްށެވެ. އަދި ކޯޓުން ހަވާލުކޮށްފައިވާ ޗިޓު ފުލުހުން ހަވާލު ކޮށްފައިވަނީ އޭނާއާއި ނޫން ކަމަށްށާއި، ފުލުހުން އެ ޗިޓު ހަވާލުކޮށްފައިވަނީ އޭނާގެ ކޮއްކޮ އާ ކަމަށް އަންވަރު ވަނީ ބުނެފައެވެ.
މި މައްސަލައާއި ގުޅިގެން އަންވަރާ ހިލާފަށް ފުލުހުން ހުށަހަޅާފައިވާ ހެއްކަށް ރިޔާއަތްކޮށް، ކްރިމިނަލް ކޯޓުން ވަނީ އަންވަރުގެ ބަންދަށް 10 ދުވަހުގެ މުއްދަތެއް ޖަހާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް