މިހާރު އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގާ ހަތަރު ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ފަށައިފިއެވެ.
މިކަން ހާމަކޮށް އެ ސެންޓަރުން މިރޭ ބުނެފައިވަނީ އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައިގާ އެ ސިޓީގައި ފެންބޮޑުވެ ބައެއް ގޭގެއަށް ދަނީ އަސަރު ކުރަމުންކަމަށާއި އެގޮތުން ހަތަރު ގެއެއްގައި ދިރިއުޅެން ދަތިވާވަރަށް ފެންބޮޑުވުމުން އެ ގޭގޭގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކަށް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީކައުންސިލުން މިހާރު ކުރަމުން އަންނަކަމަށެވެ.
ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ސ.ހިތަދޫ ފަޔަރ ސްޓޭޝަނުން ހަރަކާތްތެރިވަމުން އަންނަކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރައާއި ގުޅޭގޮތުން އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިރޭ ވިދާލުވެފައިވަނީ މިވަގުތު އައްޑޫ ސިޓީއަށް ކުރަމުންދާ ވިއްސާރާގައި ފެންވަދެ ގޭގައި ނޫޅެވޭވަރަށް ގެންލުން ލިބިފައިވާ އާއިލާތަކަށް ދެވެން އޮތް އެންމެ ރަގަޅު ޚިދުމަތް ކައުންސިލުން ފޯރުކޮއްދޭނެ ކަމަށާއި އަވަށު އޮފީހުން އެ ސިޓީގެ ކައުންސިލަރު އައިމިނަތު ސަލްމާ އާއި އަދި ކައުންސިލަރު ފައިސަލް ދަނީ ގާތުން އާއިލާތަކާއި މަޝްވަރާކުރަމުން ކަމަށެވެ.
ވާރޭވެހި އައްޑޫ ސިޓީގައި ފެންބޮޑުވެފައިވާއިރު ފުވައްމުލައް ސިޓީއާއި އައްޑޫ ސިޓީއަށް މެޓުން މިރޭ ވަނީ ރީނދޫ ސަމާލު ނެރެފައެވެ. މިރޭ 08:30 އާއި މިރޭ 12:30 އާއި ދެމެދުގެ ވަގުތުތަކަށް އެ ދެ ސިޓީ ހިމެނޭހެން މެޓުން ރީނދޫ ސަމާލު ނެރުނީ އެ ދެ ސިޓީއށް ބޯކޮށް ވާރޭވެހި ގުގުރާނެކަމަށް ލަފާކޮށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް