ޗާގޮސް މައްސަލައިގާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސިޓީފުޅެއް ފޮނުއްވާފައިވާނަމަ އެ ސިޓީ ބާތިލުކޮށްދިނުމަށްއެދި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އިސްވެ ހުންނަވައި ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފިއެވެ.
ހ. ދޮންޖޭމުގޭ އުމަރު ނަސީރު، ޖަންކަރު، މުހައްމަދު މުސްތާގު، ލ. ކާނަލް (ރޓޑ) ޒުބައިރު އަހްމަދު މަނިކު ހިމެނޭހެން މި ތިންބޭފުޅުންގެ ނަމުގައި ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައިގާ ބުނެފައިވަނީ ޗާގޮސް މައްޗަށް މޮރިޝަސްއިން ކުރާ ސިޔާދަތީ މިލްކުވެރިކަމުގެ މައްސަލަ އިޓްލޮސްއިން ބަލަމުން ގެންދާއިރު އެ މައްސަލައިގާ ޗާގޮސް މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސް އަށް ކަމަށް ގަބޫލުކުރުންކަމަށްބުނެ ރައީސް ސޯލިހްގެ ނަންފުޅުގައި ނުވަތަ ރަސްމީ އެއްވެސް ފަރާތަކަށް އެއްވެސް ރަސްމީ ލިޔުމެއް ފޮނުއްވާފައިވާކަމަށްވާނަމަ އެ ލިޔުމަކީ ގާނޫނު އަސާސީއާ ހިލާފަށް ޣައިރުދުސްތޫރީ އަދި ޢައިރުގާނޫނީ ގޮތުގައި ފޮނުވާފައިވާ ލިޔުމެއްކަމުގައި ވާނޭކަން ކަށަވަރުކަމާއެކު އެނގޭ ކަމަށެވެ.
"އެފަދަ ލިޔުމެއް ފޮނުއްވާފައިވާނަމަ އެ ލިޔުމެއް ގާނޫނުއަސާސީއާ ހިލާފުވާކަމަށްޓަކައި ބާތިލުކޮށްދެއްވުން އެދެމެވެ" ދުސްތޫރީ މައްސަލައިގާ ބުނެފައިވެއެވެ.
ގިނަ ކަންތައްތަކެއް ފާހަގަކޮށް ހުށަހަޅާފައިވާ ދުސްތޫރީ އެ މައްސަލައިގާ އެދިފައިވަނީ މި މައްސަލައިގައި ސުޕްރީމް ކޯޓުން ޙުކުމެއް ކުރެއްވުމުގެ ކުރީން، ފޯޅަވައްސާ ގުޅޭގޮތުން އެއްވެސް ޙައިޘިއްޔަތަކުން އެއްވެސް ތަނެއްގައި އަދި އެއްވެސް ގޮތެއްގައި ދިވެހި ދައުލަތުން އެއްވެސް މުޢާމަލާތެއް ނުކުރުމަށާއި، އިޓްލޮސްގައި މޮރިޝަސްގެ ދަޢުވާއަށް މުޠުލަޤު ގޮތެއްގައި އިޢުތިރާޟު ކޮށް، ދިވެހިރާއްޖެއިން ފޯޅަވައްސާ މެދު ކުރާ ދަޢުވާތައް ހުށައަޅައި އެ ދަޢުވާތަކާ މެދު ގޮތެއް ނިންމުމުގެ ކުރީން މޮރިޝަސްގެ ދަޢުވާއާ ބެހޭ އެއްވެސް ނިންމުމެއް ނިންމުމަށް ދިވެހިރާއްޖެ އެއްބަސް ނުވާނޭކަން ބަޔާން ކުރުން ފިޔަވައި އެހެން އެއްވެސް މައުޤިފެއް ނުނެގުމަށް ދައުލަތުގެ މައްޗަށް އަންގަވައި ވަގުތީ އަމުރެއް ނެރެދެއްވުމަށާއި މައުޟޫޢީ ގޮތުން މައްސަލަ ބައްލަވައި ރައީސް ސޯލިހް ފޯޅަވަހީގެ މިލްކުވެރިކަމާ ގުޅޭގޮތުން މޮރިޝަސްއަށް ނުވަތަ އެހެން ފަރާތަކަށް ވިޔަސް، އޭނާ ސޮއި ކުރައްވައިފައި ނުވަތަ އޭނާގެ ވަޒީރަކު ސޮއި ކުރައްވައިފައި ވިޔަސް ފޮނުއްވެވި ލިޔުން ހާމަ ކުރުމަށް އަމުރު ކޮށްދެއްވައި އެ ލިޔުމަކީ ޤާނޫނުއަސާސީއާ ޚިލާފު އަދި ޣައިރުދުސްތޫރީ، އެހެންކަމުން ބާޠިލު، ލިޔުމެއް ކަމަށް ކަނޑައަޅުއްވައިދެއްވައި އެ ލިޔުމާ ގުޅިގެން ކުރެވިފައި ވާ ހުރިހައި މުޢާމަލާތުތަކާއި ހިންގައިފައި ވާ އެންމެހައި މުއާޞަލާތުތަކާއި އިޖުރާއާތުތައް ބާޠިލު ކަމުގައި ކަނޑައަޅުއްވައިދެއްވައި އެ ލިޔުމާ އެއްގޮތް ވާ ގޮތުގެ މަތީން، އަދި/ނުވަތަ ފޯޅަވައްސާ ގުޅޭގޮތުން ދިވެހިރާއްޖެއަށް ލިބިގެންވާ މަތީގައި ދެންނެވި ޙައްޤުތަކަށް އުނިކަމެއް އަތުވެދާނޭ ފަދައިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެބިނެޓުގެ މެންބަރެއް ކަމުގައި ވާ އޭނާގެ އެޓަރނީ ޖެނެރަލް ހިންގައިފައި ވާ އެންމެހައި މުޢާމަލާތުތަކާއި ކޮންފައިވާ އެންމެހައި ކަންކަން ވެސް ބާޠިލު ކަމަށް ކަނޑައަޅުއްވައިދެއްވައި މި މައްސަލައާ ގުޅިގެން އިތުރު އެއްވެސް ކަމެއް ދިވެހި ދައުލަތުގެ ފަރާތުން ކުރެވޭނީ ރައްޔިތުންގެ މަޖިލިހަށް ކަމާބެހޭ ހުރިހައި ޙަޤީޤަތްތަކެއް ހުރިހައި ލިޔެކިޔުމަކާ އެކު ހުށައަޅައި، އެ މަޖިލިހުން ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ އެއްގޮތަށް ފާސްކުރާ ކުރުމެއްގެ މައްޗަށްކަމަށް ކަނޑައަޅުއްވައި ދެއްވާ، މި މައްސަލަ އަވަސްގޮތެއްގައި ފައިސަލާކޮށްދެއްވުން އެދިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް