ތޮއްޑޫ ރެސްޓޯރެންޓަކުން ރޮށި ނުލިބިގެން ވޭޓަރަށް ވަޅިން ހަމަލާ ދީފި

އއ. ތޮއްޑޫގައި ބިދޭސީއަކު ރޮއްޓެއްގެ މައްސަލައިގާ އިތުރު ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީފިއެވެ. ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޮއްޑޫ ރެސްޓޯރެންޓެއްގެ ތެރޭގައި ބިދޭސީ ދެމީހަކު މާރ...

27 Apr 2023 | 16:55

އއ. ތޮއްޑޫގައި ބިދޭސީއަކު ރޮއްޓެއްގެ މައްސަލައިގާ އިތުރު ބިދޭސީއެއްގެ ކަރަށް ވަޅިން ހަމަލާދީފިއެވެ.

ދުވަހަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ތޮއްޑޫ ރެސްޓޯރެންޓެއްގެ ތެރޭގައި ބިދޭސީ ދެމީހަކު މާރާމާރީ ހިންގިކަމުގެ ރިޕޯޓެއް ރޭގައި ލިބުނު ކަމަށެވެ.

"މި މާރާމާރީގައި 26 އަހަރުގެ ބިދޭސީ މީހަކަށް އަނިޔާވެފައިވޭ، އެމީހާއަށް ތޮއްޑޫ ސިއްހީ މަރުކަޒުގައި ދަނީ ފަރުވާދެމުން" ފުލުހުން ބުނެފައިވެއެވެ.

މި މަރާމާރާއާއި ގުޅިގެން 22 އަހަރުގެ ބިދޭސީ މީހަކު ހައްޔަރުކޮށްފައިވާކަމަށާއި ބަންދަށް ހަތް ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށާއި މައްސަލަ ތަހުގީގު ކުރަމުން އަންނަކަމަށް ފުލުހުން ބުނެއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ބިދޭސީއެކެވެ. ހަމަލާ ދިނީ އެ ރެސްޓޯރެންޓަށް ގޮސް ރޮށި ހުރިތޯ އެހުމުން ރޮށި ނެތްކަމަށް ވޭޓަރު ބުނުމުން އެކަމާ އައި ރުޅީގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވަޅިއަކުން ކަރަށް ހަމަލާ ދިން ނަމަވެސް ޒަޚަމް އެހާ ފުން ނޫންކަމަށް މައުލޫމާތު ލިބެއެވެ. އަދި ޒަޚަމްވި މީހާއަށް ފަރުވާދިނުމަށްފަހު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާކަމުގައިވެސް މައުލޫމާތުލިބިފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް