ބަންދުގައި މީހުން ބައިތިއްބާ ގޮޅިތައް ހޫނުވިޔަ ނުދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްޑް (އެޗްއާރްސީއެމް) އިން ކަމާބެހޭ ދާއިރާތަކަށް އިލްތިމާސް ކޮށްފިއެވެ.
މިކަން ހާމަކޮށް އެޗްއާރުސީއެމުން ނެރުނު ބަޔާނުގައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުގެ ސަބަބުން ރާއްޖޭގެ އެކި ސަރަހައްދުތަކުގެ ހޫނުމިން އެހެން އަހަރުތަކަށްވުރެ އިތުރު ވެފައިވާ ކަން ފާހަގަކޮށްފައެވެ.
އެގޮތުން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކުގައި އަދި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެ ދަށުން ހިންގާ މީހުން ބަންދުކުރާ މަރުކަޒުތަކުގައި ތިބޭ ފަރާތްތަކުން އެޗްއާރްސީއެމް އަށް ހުށަހަޅާ މައްސަލަތަކުންނާއި ކޮމިޝަނުގެ ފަރާތުން އެފަދަ ތަންތަނަށް ކުރާ ޒިޔާރަތްތަކުގައި، ގިނަ ފެސިލިޓީތަކުގައި އާންމު ދުވަހެއްގައިވެސް ހޫނު ގަދަކަން ފާހަގަ ކުރެވިފައިވާ ކަމަށް އެޗްއާރުސީއެމުން ބުނެފައި ވެއެވެ.
އަދި ގިނަ ގޮޅި ތަކުގައި ވައި ދައުރުވުމުގެ މައްސަލަތައް ހުންނަ ކަމަށް އެޗްއާރްސީއެމުން ބުނެފައި ވެއެވެ.
މިގޮތުން ކަރެކްޝަނަލް ސަރވިސްގެ ބެލުމުގެ ދަށުން ހިންގާ ޖަލުތަކާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރާއި އަދި ފުލުހުންގެ ހިދުމަތުގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި، ނޭޝަނަލް ރީ-އިންޓިގްރޭޝަން ސެންޓަރާއި މާލެއާއި އަތޮޅުތެރޭގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެލެހެއްޓުމުގައި ފިނިހޫނުމިނަށް ހާއްސަ ސަމާލުކަމެއްދީ، މުއައްސަސާތަކުގެ ކެރިފޯރުންތެރިކަން ހުރި މިންވަރުން ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ކަރެކްޝަނަލް ސަރވިސް އަދި ފުލުހުންނަށް އެޗްއާރްސީއެމް އިން ވަނީ އިލްތިމާސްކޮށްފައި ކަމަށް އެ ކޮމިޝަނުން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އެޗްއާރްސީއެމުން މީހުން ބަންދުކުރާ ގޮޅިތައް ހޫނުވިޔަ ނުދިނުމަށް އިލްތިމާސް ކޮށް ބަޔާނެއް ނެރެފައި ވާއިރު ރާއްޖޭގެ ބައެއް ހިސާބުތަކުގައި އިހްސާސް ކުރެވޭ ފިނިހޫނުމިން 43 ޑިގްރީގައި ހުރިކަން މެޓް އޮފީހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް