ޓްރެފިކް ފާހަގަތައް ބައިނަލްއަޤްވާމީ މިންގަނޑަށް ގެންނަން ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކް، ސައިންސް އެންޑް ސިގްނަލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް އިސްލާހު ގެންނަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ވަނީ ގާނޫނު އިސްލާހު ކުރުމަށް ބޭނުންވާ ލަފާ ދިނުމަށް ކޮންސަލްޓެންސީ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފައެވެ.
އަދި ކޮންސަލްޓެންސީގެ މަސައްކަތް ނިންމައި ދެމަސް ދުވަސް ތެރޭގައި އެކަމާއި ގުޅޭ ރިޕޯޓް ޓްރާންސްޕޯޓު މިނިސްޓްރީ އަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެފައި ވެއެވެ.
ހަމައެހެންމެ މި މަސައްކަތަށް ޝަޢުގުވެރިވާ ފަރާތްތަކުން 07 މޭ ވާ އާދިއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން، އުމަރު ޒާހިރު ބިލްޑިންގގެ 03 ވަނަ ފަންފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.
އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއް ކަމަށް ސަރުކާރުން ކަނޑައަޅައފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާ ދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން މަސައްކަތުގެ ޖުމްލަ އަގު -/250000 (ދެ ލައްކަ ފަންސާސް ހާސް) ރުފިޔާއަށް ވުރެ ބޮޑުވާނަމަ ދައުލަތުގެ މާލިއްޔަތުގެ ޤަވާއިދުގެ ވާ ގޮތަށް ކޯޓޭޝަން ހުށަހަޅަން ޖެހޭނެ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.
1977 ވަނަ އަހަރު އަމަލު ކުރަން ފަށާފައިވާ ވިއެނާ ކޮންވެންޝަން އޮން ރޯޑް ޓްރެފިކްގައި ރާއްޖެ ހިމެނޭހެން 87 ޤައުމަކުން ރޯޑް ޓްރެފިކްގައި ބަޔާން ކޮށްފައިވާ ސައިންސް އެންޑް ސިގްނަލްތައް ބަލައި ގަންނަކަމަށް ސޮއި ކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް