ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ދެކޮޅަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ދައުވާގައި މިއަދަށް ތާވަލު ކުރި ޝަރީއަތް ކެންސަލް ކޮށްފި އެވެ.
މިއަދަށް ތާވަލުކޮށްފައި އޮތީ ރ. ފުއްގިރި މައްސަލާގައި ކުރާ ދައުވާގެ އިބްތިދާއީ ބަހުސްއެވެ. ފުއްގިރި މައްސަލައިގަ އެމަނިކުފާނާއި ދެކޮޅަށް އުފުލާފައިވަނީ ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.
މިއަދު އޮތް އަޑުއެހުން ކެންސަލް ކުރީ ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ޖަލުގައި ބައްދަލު ކުރުމަށާއި މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ފުރުސަތު ނުލިބޭ ކަމަށް ވިދާޅުވެ އެކަމުގެ ކަންބޮޑުވުން ފާޅު ކުރުމުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި ވަކީލުންގެ އެހީތެރިކަން ލިބުމަކީ އަސާސީ ހައްގެކެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވިދާޅުވީ ބަންދުގައި ތިބޭ މީހުންނަށް ޖަލުގައި ވަކީލުންނާ ބައްދަލުކުރަން އެކަށީގެންވާ ފުރުސަތު ލިބޭކަން ކަށަވަރު ކުރުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށެވެ. ޔާމީން އެދިވަޑައިގަންނަވާ ގޮތަށް އެ ފުރުސަތު ފަހިކޮށްދޭން ދައުލަތަށް އަންގާ ކަމަށް ގާޒީ ވިދާޅުވި އެވެ.
ހަމަ މިފަދަ މައްސަލައެއްގައި އެމަނިކުފާނު މިހާރުވެސް ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރައްވަމުންނެވެ. އެއީ ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތާއި މަނީ ލޯންޑާ ކުރިކަން ސާބިތުވެ11 އަހަރުގެ ޖަލު ހުކުމެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް