ތައިލެންޑު އަންހެނަކު ޒަހަރު ދީގެން ކުރީގެ ލޯބިވެރިޔާ ހިމެނޭހެން 12 އެކުވެރިން މަރާލި ކަމަށް ފުލުހުން ތުހުމަތުކޮށްފި އެވެ.
އެގައުމުގެ ވެރިރަށް ބެންކޮކުން މި މައްސަލައިގަ ހައްޔަރު ކޮށްފައިވަނީ ސަރާރަތު ރަންގްސިވުތަޕޯން ކިޔާ އަންހެނެކެވެ. އޭނާ ހައްޔަރު ކުރީ އެކުވެރިއަކު މަރުވި މައްސަލައިގަ އެ އާއިލާއިން ކުރި ތުހުމަތުތަކަކާއި ގުޅިގެންނެވެ.
ބެންކޮކް ފުލުހުންނާއި ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ސަރާރަތުގެ އެ އެކުވެރިޔާ މަރުވީ މި މަހުގެ ކުރީ ކޮޅު ދެ މީހުން ދިޔަ ދަތުރެއްގެ ތެރެއިން ކުއްލިއަކަށެވެ. އެ ދަތުރުގައި ސަރާރަތާއި ދެމީހުން ކޯރެއްގެ ކައިރީގައި ބުދިސްޓު ދީނުގެ އަޅުކަމެއް އަދާ ކުރިތާ މާ ގިނަ އިރެއް ނުވެ ސްރީޕޯން ކިޔާ އެ އެކުވެރިޔާ ވަނީ އެ ސަރަހައްދަށް މަރުވެގެން ވެއްޓިފައި އެވެ.
އޭނާގެ މަރުގައި ޝައްކު ކުރެވޭ ކަންތައްތަކެއް ހުރިކަމަށް ފުލުހުން ހާމަ ކުރީ އޮޓޮޕްސީ ރިޕޯޓުން ސިއަނައިޑް ކިޔާ ކެމިކަލްއެއްގެ އަސަރު ހަށިގަނޑުން ފެނުމުންނެވެ. އަދި އޭނާގެ ދަބަސްތަކާއި ފައިސާތަކާއި އާއި ފޯނު މަރުވި ދުވަހުން ފެށިގެން ގެއްލިފައިވާތީ އެވެ.
ފުލުހުން ތުހުމަތު ކުރާ ގޮތުގައިި ސަރާރަތު އެ ހުރިހާ އެ ކުވެރިން މަރާލާފައިވަނީ ފައިސާގެ މައްސަލައިގަ އެވެ.
އެއީ މި މައްސަލަ ފެންމަތިވި ފަހުން އޭނާ އާއި އެކު ކެއުމަކަށް ދިޔަ އެކުވެރިޔައަކު ކައި ނިމުނުތަނާ ހޮޑުލެވި ހޭނެތުނު މައްސަލައެއް ރިޕޯޓު ކޮށްފައިވާތީ އެވެ. އެ އެކުވެރިޔާ ބުނީ ހޭ ނެތުމަށް ފަހު އޭނާ މަރުން ސަލާމަތްވީ ކަމަށާއި ސަރާރަތަކީ އޭނާ އަތުން 7،300 އެމެރިކާ ޑޮލަރަށްވުރެ ގިނަ ފައިސާ ލޯނުގެ ގޮތުގައި ނަގާފައިވާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ ސަރާރަތުގެ 12 އެކުވެރިން މަރާލާފާއިވަނީ 2020 ވަނަ އަހަރުން ފެށިގެން ކަމަށެވެ. އެކަމަކު މި ތުހުމަތުތަކަށް ސަރާރަތު ދަނީ އިންކާރު ކުރަމުންނެވެ.
ފުލުހުން ބުނީ ސަރާރަތަށް ތުހުމަތުތަކުން ބަރީއަ ނުވެވޭވަރަށް ހެކި ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ސިއަނައިޑް ކެމިލަކް އަކީ ހުއްދަ ނުހޯދައި ތައިލެންޑުގައި ބޭނުން ކުރުން މަނާ ކެމިކަލް އެކެވެ. އިންސާނާގެ ނޭވާލާ ނިޒާމު ބްލޮކް ކޮށްލާ މި ކެމިކަލް ހުއްދަ ނުހޯދައި ބޭނުން ކުރާ މީހުންނަށް އެ ގައުމުގައި ދެ އަހަރުގެ ޖަލު ހުކުމެއް އާދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް