ހުޅުމާލޭ ހައުސިން ޔުނިޓްތަކުގައި ޤާއިމުކުރި ސޯލަރ ޕީވީގެ މަސައްކަތް ނިމި ކަރަންޓު އުފައްދަން ފަށަފައިފި އެވެ.
އެންވާރްމަންޓް މިނިސްޓްރީން މިއަދު ބުނީ ވޯލްޑް ބޭންކްގެ އެހީގައި އެ މިނިސްޓްރީން ހިންގާ އެކްސެލެރޭޓިންގް ސަސްޓެއިންބަލް ޕްރައިވެޓް އިންވެސްޓްމަންޓް އިން ރިނިއުވަލް އެނާރޖީ (އެސްޕަޔަރ) ޕްރޮޖެކްޓްގެ ދަށުން ހުޅުމާލޭ ލިންކް ރޯޑްގައި އަދި ހުޅުމާލޭ ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީ ނިޒާމުގެ ތެރެއިން ހައުސިންގް ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމުކުރާ ސޯލަރ ޕީވީގެ އަމަލީ މަސައްކަތް ނިމި އެޕެނަލްތަކުން ކަރަންޓު އުފައްދަން ފަށަފައިވާ ކަމަށެވެ.
މި ނިޒާމުގެ ޖުމްލަ ޤާއިމު ކުރާ 5.6 މެގަވޮޓްގެ ތެރެއިން ހައުސިން ޔުނިޓްތަކުގެ ފުރާޅުގައި ޤާއިމު ކޮށްފައި ވަނީ 400 ކިލޯވޮޓްގެ ސޯލަރ ޕީވީއެވެ. އަދި 5 މެގަވޮޓްގެ ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ހުޅުމާލޭ ލިންކްރޯޑް އާއި ހުޅުމާލެ ބޯށިމާ ހިނގުމުގައި ކަމަށް އެ މިނިސްޓްރީން ހާމަކުރެއެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ އެސްޕަޔަރގެ ދެވަނަ ފިޔަފަހީގެ ދަށުން ހުޅުލެ ހުޅުމާލޭގައި 5.6 މެގަވޮޓްގެ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމެއް ޤާއިމް ކުރަން ހުޅުވާލި ފުރުސަތުގައި 21 ކުންފުންޏަކުން ވަނީ ޝައުޤުވެރިކަން ފާޅުކޮށްފައި ކަމަށެވެ.
ވާދަވެރި ބީލަމެއްގެ ތެރެއިން ފަންނީ އަދި މާލީ ޤާބިލުކަމަށް ބަލައި އަދި އޭގެ އިތުރުން އެންމެ ކުޑަ އަގެއް ހުށަހަޅައި މި މަސައްކަތުގެ ބީލަން ކާމިޔާބު ކުރީ ތައިލޭންޑްގެ އެންސިސް ކޯ ލިމިޓެޑުންނެވެ.
މިގޮތުން އެ ކުންފުނިން ވަނީ ސޯލަރ ޕީވީ މޮޑިއުލްތައް ޖެހުމަށް ލިންކް ރޯޑުގެ މެދުގައި ހުސްކޮށް އޮންނަ ޓްރެފިކް އައިލެންޑް ސަރަހައްދުގެ އިތުރުން އިރުމަތީ ފަރާތު މޫދާވީ ފަޅިގައި ގަލްވަނައިޒްޑް ސްޓީލް ކެނޮޕީ ސްޓްރަކްޗަރ ތަކެއް ޤާއިމުކޮށްފައެވެ.
މި ސްޓްރަކްޗަރގެ މަތީގައި ސޯލަރ ޕީވީ މޮޑިއުލްތައް ހަރުކޮށް ނިންމައި، ސޯލާރގެ ނިޒާމުގެ ނެޓްވާރކެ ގެ ހުރިހާބައެއް ޤާއިމުކޮށް ސްޓެކްލޯގެ ނެޓްވާރކާއި ގުޅާލެވި ޕެނަލްތަކުން ކަރަންޓް އުފައްދަން ފަށާނެކަމަށް އަންދާޒާ ކުރެވެނީ 2023 ވަނަ އަހަރުގެ 2 ވަނަ ކުއާރޓަރ ނިމުމުގެ ކުރިން ކަމަށް އެންވާރްމަންޓް މިނިސްޓްރީން ހާމަކުރެއެވެ.
އެންވާރްމަންޓް މިނިސްޓްރީން ބުނީ ދިވެހިރާއްޖޭގައި މިހާތަނަށް އެއް ކޮންޓެރެއްޓެއްގެ ދަށުން އެންމެ ގިނަ އަދަދަކަށް ސޯލަރ ޕީވީ ނިޒާމެއް ޤާއިމް ކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ސަބަބުން ދައުލަތުން ތެލަށް ކުރާ ޚަރަދު ކުޑަވެގެން ދާނެކަމަށެވެ.
މީގެ އިތުރުން އެންވާރްމަންޓް މިނިސްޓްރީން ބުނީ މި މަޝްރޫއިން އަހަރަކަށް އުފައްދާ 7.3 މިލިއަން ކަރަންޓް ޔުނިޓުން ދައުލަތުން ކަރަންޓް އުފެއްދުމަށްޓަކައި ތެލަށް ކުރާ ހޭދައިން މަދުވެގެން 15 އާއި 20 މިލިއަން ދިވެހި ރުފިޔާ ތެލަށް ކުރާ ހޭދައިން ކުޑަކުރެވޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް