ފޮޓޯ: ސޫދާނުން މީހުން ސަލާމަތް ކުރުމުގައި ސައޫދީއިން ނަމޫނާ މަސައްކަތެއް

ދާހިލީ ހަނގުރާމައެއް ކުރިއަށްދާ ސޫދާނުން އެކި ގައުމުތަކަށް ނިސްބަތްވާ ޑިޕްލޮމެޓުންނާއި އާންމުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ސައޫދީ އަރަބިއްޔާއިން ކުރިއަށްގެންދާ މަސައްކަތަށް ދުނިޔޭގެ އެކި ގ...

27 Apr 2023 | 04:20

ދާހިލީ ހަނގުރާމައެއް ކުރިއަށްދާ ސޫދާނުން އެކި ގައުމުތަކަށް ނިސްބަތްވާ ޑިޕްލޮމެޓުންނާއި އާންމުން ސަލާމަތުގެ އައްސޭރިއަކަށް ގެންދިއުމަށް ސައޫދީ އަރަބިއްޔާއިން ކުރިއަށްގެންދާ މަސައްކަތަށް ދުނިޔޭގެ އެކި ގައުމުތަކުން އަންނަނީ ތައުރީފު ކުރަމުންނެވެ.

ހަނގުރާމަ ދެވަނަ ހަފްތާއަކަށް ދިގުލައިގެން ގޮސްފައިވާއިރު އެކި ގައުމުތަކަށް ނިސްބަތްވާ މީހުން ސަލާމަތް ކުރުމަށް ސައޫދީ އަރަބިއްޔާއިން ކޮންމެ ދުވަހަކު ކުރިއަށްގެންދާ އޮޕަރޭޝަންގައި މިހާތަނަށް 62 ގައުމަކަށް ނިސްބަތްވާ 2148 މީހަކު ސަލާމަތުން ސައޫދީއަށް ގެންގޮސްފައިވެއެވެ.

މި މަސައްކަތް ހުއްޓުމެއްނެތި މިއަދުވެސް ކުރިއަށްދާނެކަމުގައި ސައޫދީއިން ބުނެއެވެ.

ސޫދާނުގައި މި މަހުގެ 15 ވަނަ ދުވަހު ފެށުނު ދާހިލީ ހަނގުރާމައިގާ އާންމުންނަށް ބެލުމެއްނެތި ހަމަލާތައް ބަދަލުކުރެވެމުން އަންނައިރު މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ ރެކޯޑުވެސް ސައްހަގޮތެއްގައި ބެލެހެއްޓެމުން ނުދެއެވެ. އަދިވެސް އެނގެން އޮތީ މީގެ ހައެއްކަ ދުވަސް ކުރީގެ ރެކޯޑުތަކެވެ.

އެ އަދަދުތަކަށް ބަލާއިރު މަރުވި މީހުންގެ އަދަދު 500 އާއި ގާތް ކުރެއެވެ. ޒަހަމްވި މީހުންގެ އަދަދު 3000 އިން މަތީ އަދަދަކުން ގުނާލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް