ބޮލީވުޑްގެ މަޝްހޫރު ބަތަލް އަޖޭ ދޭވްގަންގެ ދޮށީ ދަރިފުޅު ނީސާ ދޭވްގަންއަކީ ވަރަށް ބޮޑަށް ފޮރުވިގެން އުޅޭ ކުއްޖެކެވެ.
މިހާރު އުމުރުން 19 އަހަރުގެ ނީސާ ފުރާވަރަށް އަރައިގެން އައި އިރު ޕަޕަރާޒީންގެ އުނދަގޫ ބޮޑުވާތީ އޭނާ ވަރަށް ހިތްހަމަ ނުޖެހިގެން ވާހަކަ ދައްކާކަމަށް މަންމަ ކާޖޮލް މީގެ ކުރިން ބުނެފައިވެ އެވެ. އަދި ނީސާ މަތީ ތައުލީމް ހާސިލް ކުރަން ގައުމުން ބޭރަށް ދިޔަފަހުންވެސް އުޅެމުން ދިޔައީ ވަރަށް ސިއްރު ދިރިއުޅުމެކެވެ.
އެއްގޮތަކަށްވެސް އޭނާ ކެމެރާތަކުން ފެންނަން ބޭނުން ނުވާއިރު ނީސާ ސޯޝަލް މީޑިއާގައި ވަނީ ނޫސްވެރިންގެ ސަބަބުން އޭނާއަށް އާންމު އުނދަގުލަކަށް ވެފައިވާ ކަމަށް ބުނެފަ އެވެ. ނީސާ ބުނީ އޭނާ ބޭނުންވަނީ އާންމުންގެ މީހަކު އުޅޭ ދިރިއުޅުން މަގުމަތީގައިވެސް އުޅެން ކަމަށެވެ.
އާންމުކޮށް ތަރިންގެ ދަރިންގެ ސޯޝަލް މީޑިއާ އެކައުންޓުތައް އާންމުކޮށް ހުޅުވާލާފައި ހުރި ނަމަވެސް ނިސާގެ އެކައުންޓުތައް ހުންނަނީ ޕްރައިވަސީ ހަދާފަ އެވެ.
އެކަމަކު މި ފަހުން ނީސާ ވަރަށް ގިނައިން އާންމުންގެ ތެރެއަށް ނުކުތުމާއި ރަހުމަތްތެރިންނާއި އެކު ތަންތަނަށް ދިއުން އިތުރުކޮށްފައިވާތީ ޕަޕަރާޒީން ވަނީ ސުވާލުވެސް އުފައްދާފަ އެވެ. އަދި ވީޑިއޯކޮށް ފޮޓޯ ނެގުމަށް މިހާރު ނީސާ ހުރަސް ނާޅާ ކަމަށް ޕަޕަރާޒީން ބުނެ އެވެ.
މިވާގޮތެއް ތިލަވާން ފެށީ އަޖޭ މީޑިއާގައި ބުނި އެއްޗަކުންނެވެ. އޭނާގެ ފިލްމު "ރަންވޭ 34" ގެ ޕްރޮމޯޝަންގެ ތެރެއިން ވާހަކަ ދައްކަމުން އަޖޭ ބުނީ ނީސާ ބޮލީވުޑަށް ނުކުންނަން ބޭނުން ނަމަ އެކަމަށް މަރުހަބާ ކިޔާނެ ކަމަށެވެ.
އަދި ދަރިން ކުރިޔަށްދާން ބޭނުންވާ ދާއިރާއަށް ހުރަސް ނާޅާނެ ކަމަށާއި އެކުދިންގެ ކުރިމަގު އިހްތިޔާރު ކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ. އެހެންވެ ނީސާ މިހާރަކަށް އައިސް އާންމުންގެ ތެރެއިން ފެނުމާއި އޭނާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވުމާއި އާންމުން ދަނީ ގުޅުވަމުންނެވެ.
ނީސާ ބޮލީވުޑަށް ނުކުންނަން ތައްޔާރުވާ ކަމުގެ ސިގްނަލް އަޖޭ ދިން އިރު ނީސާ މިހާރު ވަނީ މޮޑެލް ކުރަން ފަށާފަ އެވެ. އެގޮތުން މިދިޔަ މަހު ބޭއްވި ލަކްމޭ ފެޝަން ވީކްގައި ނީސާ ވަނީ މަޝްހޫރު ޑިޒައިނާ މަނީޝް މަލްހޯތުރާ ފަރުމާކޮށްފައިވާ ހެދުންތަކެއް ލައިގެން މޮޑެލް ކޮށްފަ އެވެ.
އެ ފެނިލުމާއި އެކު އޭނާ ވަނީ ގިނަ ބައެއްގެ މެދުގައި މަގުބޫލު ކަން ހޯދަން ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް