ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ކުރިޔަށް އޮތް އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ތާއީދު ކުރައްވާ ކެންޑިޑޭޓު ހާމަ ކުރައްވައިފި އެވެ.
ނަސީމް ކުރެއްވި ޓުވީޓެއްގައި ވަނީ އިންތިހާބުގައި ވާދަކުރާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލާއި އެކު ނަގާފައިވާ ފޮޓޯއެއް އާންމު ކުރައްވާފަ އެވެ. އެ ފޮޓޯގައި ފައްޔާޒަށް ތާއީދު ކުރައްވާކަން ހާމަ ކުރެއްވުމުގެ ގޮތުން ކެންޑިޑޭޓު ނަމްބަރު ދޭއް އިނގިލީގެ އިޝާރާތުން ނަސީމް ދައްކަވައިގެން ހުންނެވި އެވެ.
އަދި އެ ޓުވީޓުގައި ވަނީ ފައްޔާޒަށް ކާމިޔާބަށް އެދިވަޑައިގެންފަ އެވެ. ފައްޔާޒަކީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއީދާއި އެކު ވާދަ ކުރައްވާ ބޭފުޅެކެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއި އެކު އިންތިހާބުގައި ވާދަ ކުރައްވަނީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އެވެ.
ނަސީމަކީ ނަޝީދުުގެ އަރިސް އަދި އާއިލީ ގުޅުން އޮންނަ ބޭފުޅެކެވެ. އަދި ނަސީމް ހެލްތް މިނިސްޓަރުގެ މަގާމަށް ހަމަޖެއްސުން ލަސްވެގެންވެސް އެ ދުވަސްވަރު ނަޝީދު ނުސީދާކޮށް ސަރުކާރަށް ފާޑުކިޔާފައިވެ އެވެ.
https://twitter.com/KerafaNaseem/status/1519260879367204864
މި އިންތިހާބުގައި ފައްޔާޒާއި އިންތިގެ ޓީމުން ދަނީ އެއްބަޔަކު އަނެއް ބަޔަކަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެހެންވެ އިންތިހާބުގެ ކެމްޕެއިން ފޯރި ވަނީ ވަރަށް ގަދަވެފައި އެވެ.
މި އިންތިހާބު އޮންނާނީ އަންނަ މަހުގެ14 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް