އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު ރައީސް ތަސްދީޤުކުރައްވައިފި

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު (ނަމްބަރު:2022/2) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ. މި ބިލަކީ، މި އަހަރުގެ އޭޕްރީލް 11 ވީ ހޯމަ ދުވަހު ބޭއްވި ރައ...

27 Apr 2022 | 10:55

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ބިލު (ނަމްބަރު:2022/2) ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ އޭޕްރީލް 11 ވީ ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2022 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 29 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

އިލެކްޓްރޯނިކް މުޢާމަލާތްތަކާބެހޭ ޤާނޫނަކީ ވިޔަފާރީގެ މުޢާމަލާތްތައް ކުރުމުގައާއި، އެނޫން ބޭނުންތަކުގައި އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމާއި، ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުން ކުރިއަރުވައި ތަރައްޤީކުރުމަށްޓަކައި، އިލެކްޓްރޯނިކް މުޢާމަލާތުގެ ޞައްޙަކަން ކަށަވަރުކުރެވޭނެ ނިޒާމެއް ޤާއިމުކޮށް، އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި ޓްރަސްޓްގެ ޚިދުމަތްތަކުގެ ބޭނުންކުރުމާގުޅޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ.

މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި އިލެކްޓްރޯނިކް ސޮއި އަދި ޓްރަސްޓްގެ ޚިދުމަތްތައް ހިމެނޭގޮތަށް، ދިވެހިރާއްޖޭގައި އަދި ދިވެހިރާއްޖެއިން ބޭރުގައި ކުރެވޭ އިލެކްޓްރޯނިކް މުޢާމަލާތްތަކަށް ޤާނޫނީ ހައިސިއްޔަތު ދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތަކުގެ ޞައްޙަކަން ޤާނޫނީގޮތުން ކަށަވަރުކޮށްދިނުމާއި، އިލެކްޓްރޯނިކް މުޢާމަލާތްތައް ހިންގުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.

އަދި އެކަންކަމަށް ޤާނޫނީގޮތުން ހުރި ހުރަސްތައް ނައްތާލައި އިތުބާރު ހިފޭ ޓްރަސްޓްގެ ޚިދުމަތްތައް މެދުވެރިކޮށް އިލެކްޓްރޯނިކް ޛަރީޢާއިން މުޢާމަލާތުކުރުން ކުރިއަރުވައި، އެފަދަ މުޢާމަލާތުކުރުމުގައި ޢާންމުންގެ އިތުބާރު ޤާއިމުކުރުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޤާނޫނު ތަސްދީޤުކުރެއްވުމާއި ގުޅިގެން މިއަދު ވަނީ މި ޤާނޫނު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށް ޤާނޫނަށް ޢަމަލުކުރަން ފަށާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް