މި ދުވަސްވަރު މާލެއާއި އަތޮޅުތަކުން ޑެންގީހުން ޖެހިގެން ރިޕޯޓު ކުރާ އަދަދު އިތުރު ވަމުން އަންނާތީ އެކަމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭއިން މިއަދު ބުނީ ކުރިއަށް އޮތީ ޗުއްޓީ ބަންދު ދުވަސްވަރަކަށްވާތީ ރާއްޖޭގެ އެކި ހިސާބުތަކަށް މީހުން ދަތުރު ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންވެ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލް ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ހާއްސަ ސަމާލުމެއް ދިނުމަށް އަންގާފައެވެ.
އަދި މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި ރެޕެލެންޓް ބޭނުންކުރުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފައިވެ އެވެ.
އެޗްޕީއޭ އިން ވަނީ ޑެންގީ ފަތުރާ މަދިރިއަކީ ދުވާލުގެ ހުރިހާ ވަގުތެއްގައި ވެސް ހަފާ މަދިރިއަކަށް ވާތީ ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ޑެންގީ މަދިރި އަލާވާ، ފެންހެދޭ ނުވަތަ ފެންހަރުލާ ތަންތަން ނައްތާލުމަށް ސަމާލުކަން ދިނުމަށް އެދިފައެވެ.
އަދި ކުޑަކުދިންނާއި މާބަނޑުމީހުންނާއި އުމުރުން ދުވަސްވީ މީހުންނާއި ބޮޑެތި ބަލިތައް ހުންނަ މީހުނަށް ނުރައްކާތެރި ބައްޔަކަށް ވާތީ ހާއްސަ ސަމާލުކަމެއް ދިނުމަށާއި ތިން ދުވަހަށް ވުރެ ގިނައިން ހުން އައިސް، ޑެންގީގެ ނުރައްކާތެރި އަލާމަތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އެދިފައި ވެއެވެ.
ހަމައެހެންމެ، ޑެންގީގެ އިތުރުން، އަރިދަފުސް ރޯގާ އާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ސަމާލުކަން ދިނުން އެޗްޕީއޭ އިން އިލްތިމާސްކޮށްފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް