"އިންޑިއާ އައުޓް" ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކަނޑައަޅައި ސަރުކާރުން ނެރުނު ގަރާރު ބާތިލުކޮށްދޭން އެދި އިދިކޮޅުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.
އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިޔަށް ގެންދާ އިންޑިއާ އައުޓް ހަރަކާތާ ދެކޮޅަށް މިދިޔަ ހަފްތާގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވަނީ ގަރާރެއް ނެރެފައެވެ.
މި ގަރާރާއި ގުޅިގެން އެ ޕާޓީން ބުނީ ސަރުކާރުން މި ނެރުނު ގަރާރަކީ ގާނޫނުއަސާސީއާ ހިލާފު އަދި ބާތިލު ގަރާރެއް ކަމަށް ކަނޑައަޅައި ދިނުމަށް އެދި ކޯޓަށް ހުށަހަށާފައިވާ ކަމަށެވެ. އަދި ކޯޓަށް މި މައްސަލަ ހުށަހެޅީ މިއަދު ކަމަށް އެ ޕާޓީން ބުނެއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ކުރިއަށް ގެންދާ އެ ކެމްޕޭނަކީ ރާއްޖޭގައި ތިބި އިންޑިއާ އިން ސިފައިން ބާލަން ގޮވާލައި ކުރިއަށް ގެންދާ ކެމްޕޭނެކެވެ. މީގައި އެންމެ އިސްކޮށް ހުންނެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް