ރިޝްވަތުގެ ގޮތުގައި ހަތް ފޮތި ރަން ހިފި މައްސަލައިގަ ސޫކީއަށް ފަސް އަހަރުގެ ޖަލު ހުކުމެއް

ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަންސަން ސޫޗީ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ. މި ދައުވާ އަކީ ވެރިކަމުގައި ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި 600،000 އ...

27 Apr 2022 | 08:30

ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެ މިއަންމާގެ ޑިމޮކްރެޓިކް ލީޑަރު އަންސަން ސޫޗީ އަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވައިފި އެވެ.

މި ދައުވާ އަކީ ވެރިކަމުގައި ހުންނެވި އިރު ރިޝްވަތުގެ ގޮތުގައި 600،000 އެމެރިކާ ޑޮލަރާއި ހަތް ފޮތި ރަން ރިޝްވަތުގެ ގޮތުގައި ހިފި ކަމަށް ބުނެ އެ ގައުމުގެ އަސްކަރީ ސަރުކާރުން ކުރި ދައުވާ އެކެވެ. އެ ރަނުގެ ބަރުދަނުގައި 11.4 ކިލޯ ހުރި ކަމަށް ދައުވާގައި ބުނާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން ބާރާއި ނުފޫޒު ބޭނުން ކޮށްގެން ވޯކީ ޓޯކީތަކެއް އެތެރެ ކުރުމާއި ކޮރަޕްޝަނަށް މަގުފަހިވާ ޒާތުގެ އެހެން އަމަލުތަކެއް ސޫޗީގެ މައްޗަށް ސާބިތުކޮށްފައިވެ އެވެ. މިއަދު އިއްވި ފަސް އަހަރުގެ ޖަލު ހުކުމަކީ ކޮރަޕްޝަނާއި ގުޅުން ހުރި ޖުމްލަ 11 ދައުވާއެއް ސާބިތުވާ ކަމަށް ކަނޑައަޅައި ކުރި ހުކުމެކެވެ.

ސޫޗީ އާއި ދެކޮޅަށް ތިން ހުކުމެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް ކޮށްފައިވެ އެވެ.

އެ މަހު ޖަލު ހުކުމް އިއްްވީ ޑިޒާސްޓާ މެނޭޖްމެންޓު ގާނޫނާއި ހިލާފުވުމުމާއި ކޯވިޑް ގައިޑްލައިނާ ހިލާފުވެގެންނާއި އަސްކަރީ ވެރިކަމާއި ދެކޮޅަށް މަސައްކަތް ކުރާތީ އުފުލި ދައުވާތަކެކެވެ. މީގެން ކޮންމެ ދައުވާއެއް ސާބިތުވެ، ވަކިކިން ދެ އަހަރުގެ ޖަލު ހުކުމް އިއްވާފައިވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ސޫޗީ ހުންނެވީ ޖަލަކު ނޫނެވެ. އެކަމަކު އެކަމަނާ ހުންނެވިތަން ހާމަ ކުރަން މިއަންމާ ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ.

ސޫޗީގެ ޝަރީއަތް ހިނގަމުންދާ ގޮތުގެ މައުލޫމާތު ހާމަކުރުން އެކަމަނާގެ ވަކީލުންނަށް އޮންނަނީ މަނާކޮށްފަ އެވެ. މައުލޫމާތު އެނގޭ ބައެއް ފަރާތްތަކާއި ހަވާލާދީ ބައިނަލްއަގުވާމީ މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި ސޫޗީގެ މައްޗަށް އަސްކަރީ ސަރުކާރުން އުފުލާ ދައުވާތައް ސާބިތުކޮށް، ޖުމްލަ 190 އަހަރުގެ ޖަލު ހުކުމެއް އިއްވާނެ އެވެ.

ބަޣާވާތަކުން ސޫޗީގެ ވެރިކަން މިއަންމާ އަސްކަރިއްޔާއިން ވައްޓާލީ މިއަހަރުގެ ފެބްރުއަރީ އެއް ވަނަ ދުވަހު އެވެ. ވެރިކަން ވައްޓާލުމަށް ފަހު މިހާތަނަށް ސޫޗީ ހުރީ ހައްޔަރުކޮށްފަ އެވެ.

ސޫޗީގެ ސަރުކާރު ބަޣާވާތަކުން ވައްޓާލީ 2020 ވަނަ އަހަރުގެ ނޮވެމްބަރު ބޭއްވި މިއަންމާގެ އާންމު އިންތިހާބުގައި ސޫޗީ މަކަރު ހެއްދެވި ކަމަށް ބުނެ އެވެ. އެ އިންތިހާބު ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކުރީ ސޫކީގެ އެންއެލްޑީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް