ވެރިކަމަކީ މަސްތެއްކަމަށް ވިދާޅުވެ ދީނީ އިލްމްވެރިޔާ އައްޝައިހް އަލީ ޒައިދު ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަށްބަހުން ޖަހައިފިއެވެ.
ޝައިޚް ޒައިދު ރައީސް ނަޝީދަށް މިމޭރުމުން ރައްދު ދެއްވާފައި މިވަނީ އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާފައިވާތީ އެކަމަށް އިޝާރަތްކޮށެވެ.
ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަކުރައްވާނެ ކަން ހާމަކޮށްފައި ވަނީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ.
އީވާ މިހެން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިމްތިޔާޒު ފަހުމީ (އިންތި) ހޮވަން ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މި ކަމަށް އިޝާރަތްކުރައްވާ ޝެއިޚް ޒައިދު މިއަދު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ވެރިކަމަކީ މަސްތެއް ކަމަށާއި، އޭގެ ރަހަބަލައިފިނަމަ ދެވަނަ ފަހަރަށްވެސް އެޝަރާބުގެ ރަހަ ބަލަން ބޭނުންވާނެ ކަމަށެވެ.
އަދި ޒައިދު ވިދާޅުވީ ވެރިކަން ކުރުމުގެ ކުފޫ ހަމަނުވިޔަސް އޭގެ ރަހަ ލިބިފައި ހުރިނަމަ ވަރަށްމަދު މީހަކު ނޫނީ ދެވަނަ ފަހަރަށްވެސް އެކަމަށް ބޭނުންވާެ ކަމަަށެވެ.
https://twitter.com/alizaid1000/status/1519178347263438848
މީގެ އިތުރުން ކުފޫ ހަމަވިޔަސް ނުވިޔަސް، އިސްލާމީ ރައްޔިތުންތަކެއް ލީޑްކުރުމުގެ ޤާބިލުކަން ހުއްޓަސް ނެތަސް، ވެރިކަން ކުރަން ނޭނގި އިސްތިޢުފާދީފަ ފޭބިޔަސް ވެރިކަން، ވެރިކަން، ޙަސްބުނަﷲ." ޝައިޚް ޒައިދުގެ ޓްވީޓްގައި ވިދާޅުވެފައި ވެއެވެ.
ރައީސް ނަޝީދު ރިޔާސީ އިންތިހާބުގައި ކުރިމަތިލައްވާނެކަމަށް އީވާ ވިދާޅުވެފައި ވާއިރު ނަޝީދު ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބާއްވާ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. މީގެ ކުރިން ނަޝީދު ވިދާޅުވީ ރައީސް ޞާލިހުގެ ދައުރު ހަމަވުމާއި އެކު ރައީސްގެ މަޤާމަކީ މަޖިލީހުން ބޭފުޅަކު އައްޔަން ކުރާ މަޤާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.
މިކަމަށް ނަޝީދު ފިޔަވައި އެއްވެސް ސިޔާސީ ޕާޓީއަކުން ތާއީދެއް ނުކުރެ އެވެ. އެމްޑީޕީ ތެރެއިން ނިޒާމު ބަދަލު ކުރުމަށް ތާއީދު ކުރަނީ ނަޝީދަށް ތާއީދު ކުރާ ބޭފުޅުން އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް