ހިންމަފުށީގައި ބޭއްވި މަދަހަ މުބާރާތެއްގައި ބައިވެރިވެ ގައިދީއަކު ކާމިޔާބީ ހާސިލުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގެ ބެލުމުގެ ދަށުގައިވާ ޤައިދީއަކު ކ. ހިންމަފުށީގެ ހިންމަފުށި ޔޫތު އެސޯސިއޭޝަން (ހިޔާ)ން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޢޫދް އަލް ސަބާޔ...

27 Apr 2022 | 08:19

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އައްސޭރި ޖަލުގެ ބެލުމުގެ ދަށުގައިވާ ޤައިދީއަކު ކ. ހިންމަފުށީގެ ހިންމަފުށި ޔޫތު އެސޯސިއޭޝަން (ހިޔާ)ން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ "ޢޫދް އަލް ސަބާޔާ ހިޔާ މަދަހަ މުބާރާތް 2022" ގައި ބައިވެރިވެ، ކާމިޔާބީ ހޯދައިފިއެވެ.

ރޭގެ ވަގުތެއްގައި ކ. ހިންމަފުށީގައި ބޭއްވި "ޢޫދް އަލް ސަބާޔާ ހިޔާ މަދަހަ މުބާރާތް 2022" ގެ އިނާމް ދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅުއެވެ.

އެމްސީއެސް އިން ބުނީ މި މަދަހަ މުބާރާތުގައި ބައިވެރިވެފައިވަނީ އައްސޭރި ޖަލުގެ 2 ޤައިދީއެއް ކަމަަށެވެ.

އަދި މި ދެ ޤައިދީންގެ ތެރެއިން އެއް ޤައިދީ ވަނީ އޭނާ ބައިވެރިވި އުމުރު ފުރާއިން 2 ވަނަ އަދި މުޅި މުބާރާތުގެ ގަދަ ފަސް ބައިވެރިއަކަށް ހޮވިފައި ކަމަށް އެމްސީއެސް އިން ހާމަކުރެއެވެ.

އެމްސީއެސް އިން ބުނީ މިއީ ޖަލެއްގައި ޙުކުމް ތަންރީޛްކުރަމުންދާ ޤައިދީއަކު މުބާރާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރު ކަމަށެވެ.

މިފަދަ އިޖްތިމާޢީ ހަރަކާތްތަކުގައި ޤައިދީން ބައިވެރިކުރުމަކީ އެ ފަރާތްތަކުގެ ރިހެބިލިޓޭޝަނަށް ލިބޭ ބޮޑު ހިތްވަރެއް ކަމަށް އެމްސީއެސް އިން ހާމަކުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު ވަނީ ހިޔާ އެސޯސިއޭޝަނުން ކުޅިވަރުގެ ހަރަކާތްތަކުގެ އިތުރުން އެކި އުމުރުފުރައިގެ މީހުންނަށާއި ކުޑަ ކުދިންނަށް މިފަދަ މަދަހަ ޕްރޮގްރާމެއް އިންތިޒާމްކޮށްގެން ކުރިއަށް ގެންގޮސް، އެ ފަރާތްތަކުގެ ހުނަރު ރަށު ފެންވަރުގައި ދައްކާލުމުގެ ފުރުޞަތު ފަހި ކޮށްދިނުމުން އެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ކޮމިޝަނަރ ފާހަގަކުރެއްވީ ވޭތުވެ ދިޔަ 10 އަހަރަށް ބަލާއިރު އިޖްތިމާޢީ މައްސަލަތައް އުފަންވެގެން އައިސްފައިވަނީ ރާއްޖޭގެ މުޙިއްމު ރީތި އާދަކާދަ އާއި ޞަގާފީ ބައެއް ކަންކަން އުވިގެން ގޮސް، މީގެ ކުރިން މައްސަލައަކަށް ވީ ބައެއް ކަންތައްތައް މިހާރު މައްސަލައަކަށް ނުވެ، ބައެއް ކަންތައްތަކާ މެދު ދެކެވުނު ނަޒަރިއްޔާތު ބަދަލުވެ، ތަފާތު އެހެން އާދަކާދަތައް އައުމުގެ ސަބަބުންކަމަށެވެ.

ރާއްޖޭގައި މިހާރު ކުރިމަތިވެފައިވާ ޢެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަމަށާއި، ކުއްޖަކު ގޯސް މަގަކުންދާނަމަ، އަރލީ އައިޑެންޓިފިކޭޝަން ނޫނީ އެކަން ކުރިން ފާހަގަކުރަންޖެހޭ ކަމަށާއި އެއީ ހަމައެކަނި މައިންބަފައިންގެ ބޮލުގައި އެޅޭ ޒިންމާއެއް ނޫންކަމަށާއި، ޢާއިލާގެ އެހެން މެންބަރުންނާއި އަވައްޓެރިން އަދި މުޅި މުޖްތަމަޢުވެސް ކުއްޖާއަށް ހެޔޮ މަގު ދެއްކުމަށް މަސައްކަތްކުރަންޖެހޭ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

މިކަންތައްތައް ޙައްލުކުރުމަށްޓަކައި ރަށްތަކުގެ ޖަމިއްޔާތަކުން ޒުވާނުން ބާރުވެރިކުރުވައި، ރިވެތި އާދަކާދަތައް އާލާކޮށް، އިޖްތިމާޢީ ކަންތައްތައް ރަނގަޅުކުރުމަށް މަސައްކަތްތައް ކުރަން ޖެހޭކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަމައެހެންމެ، ކޮންމެ ފަރުދެއްވެސް އަމިއްލަ ނަފްސު ތަރައްޤީކޮށް، އެހެން މީހުންނަށް ރަނގަޅު ނަމޫނާ އަކަށް ވުމަށް ކޮމިޝަނަރ އިލްތިމާސްކުރައްވާފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް