ހޮނިހިރު ދުވަހު ހިދުމަތް ދޭނެ، ޢީދު ބަންދުގައި ބަންދުވާނެ: ބީއެމްއެލް

މި ހޮނިހިރު ދުވަހު ބޭންކުގެ ހިދުމަތް ދޭނެ ކަމަށާއި ޢީދު ބަންދުގައި ބޭންކު ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ. ބީއެމްއެލުން މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އ...

27 Apr 2022 | 07:25

މި ހޮނިހިރު ދުވަހު ބޭންކުގެ ހިދުމަތް ދޭނެ ކަމަށާއި ޢީދު ބަންދުގައި ބޭންކު ބަންދުވާނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.

ބީއެމްއެލުން މިއަދު ބުނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ އިން ނިންމަވާފައިވާ ގޮތަށް 30 އޭޕްރީލް 2022 ވާ ހޮނިހިރު ދުވަހު ބޭންކް އޮފް މޯލްޑިވްސް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރު 12:00 އަށެވެ.

އަދި ޢީދު ބަންދާ ގުޅިގެން މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މެއި މަހުގެ ހަތް ވަނަ ދުވަހުގެ ނިޔަލަށް ބޭންކު ބަންދުވާނެ ކަމަށެވެ.

މިގޮތުން އޭޕްރީލް 30 ވަނަ ދުވަހުގެ 11:00 ގެ ކުރިން ޖަމާކުރާ ޗެކްތަކާއި، ޕޭރޯލް ރިކުއެސްޓް، އަދި ފައިސާ ފޮނުވުމަށް އެދި ހުށަހަޅާ ހުށަހެޅުން (ޓީޓީ އާއި ލޯކަލް ޓްރާންސްފަރ ހިމެނޭހެން) އެ ދުވަހު ޕްރޮސެސްކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލުން ހާމަކުރެއެވެ.

މީގެ އިތުރުން ބީއެމްއެލުން ބުނީ 11:00 ގެ ފަހުން ލިބޭ ރިކުއެސްޓް އަދި ޗެކް ޕްރޮސެސްކުރާނީ ދެން ބޭންކު ހުޅުވޭ ދުވަހެއްގައި ކަމަށެވެ.

ބީއެމްއެލުން ބުނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކޮށްފައިވާ ސެލްފް ސަރވިސް ބޭންކިންގ ސެންޓަރތައް މެދުވެރިކޮށް ޖަމާކުރުމާއި، ފައިސާ ނެގުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށެވެ.

އަދި މީހުން ދިރިއުޅޭ ރަށްތަކުގައި ގާއިމްކޮށްފައިވާ ކޭޝް އެޖެންޓުން މެދުވެރިކޮށް އަސާސީ ބޭންކިންގ ހިދުމަތްތައްވެސް ޢީދު ބަންދުގެ ދުވަސްތަކުގައި ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ބީއެމްއެލުން ވަނީ އީދު ބަންދުގައި އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ކަސްޓަމަރުން ބޭންކިންގ ހިދުމަތްތައް ހޯދުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް