ރިޔާސީ އިންތިހާބުގައި ނަޝީދު ވާދަ ކުރައްވާނެ ކަން އީވާ އިއުލާނު ކުރައްވައިފި

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި އެވެ. މިކަން ހާމަ ކުރެއްވީ މަޖ...

27 Apr 2022 | 06:24

އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާދަ ކުރައްވާނެ ކަން އިއުލާނު ކުރައްވައިފި އެވެ.

މިކަން ހާމަ ކުރެއްވީ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެވެ. އީވާ މިހެން ވިދާޅުވީ އެ ޕާޓީގެ ޗެއާޕާސަން ކަމަށް އިމްތިޔާޒު ފަހުމީ (އިންތި) ހޮވަން ކުޅުދުއްފުށީ ސިޓީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އީވާ ވިދާޅުވީ ރާއްޖޭގައި އޮންނަން ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެއް ކަމަށެވެ. އީވާ ވިދާޅުވީ ނަޝީދު އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރައްވާނެ ކަމަށެވެ.

އަދި އެމްޑީޕީގެ ވެރިކަން ގެނައުމަށް ނަޝީދު އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެ ޕާޓީ ފަރާތުން ވާދަ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އީވާ މިހެން ވިދާޅުވި އިރު ނަޝީދު ގެންދަވަނީ އަންނަ އަހަރުގެ ރިޔާސީ އިންތިހާބު ނުބާއްވާ ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލު ކުރުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަޝީދު ވިދާޅުވީ ރައީސް ސޯލިހުގެ ދައުރު ހަމަވުމާއި އެކު ރައީސްގެ މަގާމަކީ މަޖިލީހުން ބޭފުޅަކު އައްޔަން ކުރާ މަގާމަކަށް ބަދަލު ކުރަން ޖެހޭ ކަމަށެވެ.

މިކަމަށް ނަޝީދު ފިޔަވައި އެއްވެސް ސިޔާސީ ޕާޓީއަކުން ތާއީދެއް ނުކުރެ އެވެ. އެމްޑީޕީ ތެރެއިން ނިޒާމު ބަދަލު ކުރުމަށް ތާއީދު ކުރަނީ ނަޝީދަށް ތާއީދު ކުރާ ބޭފުޅުން އެކަންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް