ނޭޕާލަށް އައި ބާރުގަދަ ބިންހެލުމާއި ގުޅިގެން އެ ގައުމުގައި ދިރިއުޅެމުންދާ ހުރިހާ ދިވެހިން މާދަމާގެ ވަގުތެއްގައި ރާއްޖެ ގެނެވޭނެ ކަމުގައި ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ދުންޔާ މައުމޫން ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންގެ ފްލައިޓް އޮތީ ތައްޔާރުގައި ކަމަށެވެ. ދުންޔާ ވިދާޅުވީ ފުރުން ލަސްވަނީ މޯލްޑިވިއަންގެ ފްލައިޓް އިންޑިއާގެ މަތިން އުދުހެން ބޭނުންވާ ޑިޕްލޮމެޓިކް ކްލިއަރެންސް ހުއްދަ ނުލިބިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ އެ ހުއްދައަށް ދިވެހި ސަރުކާރުން އެދުނުތާ ދެ ތިން ގަޑިއިރު ވެއްޖެ ކަމަށެވެ.
މޯލްޑިވިއަންގެ ފްލައިޓް ނޭޕާލަށް ދިއުމަށާއި އެނބުރި އައުމަށް ހިނގާ ހަރަދުތައް ހަމަޖައްސައިދެނީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް މެދުވެރިކޮށް ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބޭފުޅުންނާއި އިސްލާމިކް މިނިސްޓްރީން ބަލަހައްޓަމުންދާ ފަންޑަކުން ކަމުގައި ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ ނޭޕާލްގައި ތިބި ދިވެހިންނަށް މިވަގުތަށް ބޭނުންވާ އަސާސީ ހިދުމަތްތައް މިހާރު ލިބެމުންދާނެ ކަމަށާއި އެކަމަކު ހާލުގައި ޖެހިފައިވާ ދިވެހިންނަށް ވަރަށް ބޮޑެތި ދަތިތަކެއް ތަހައްމަލްކުރަންޖެހޭ ކަން ގަބުލުކުރައްވާ ކަމަށެވެ. ނޭޕާލްގައި ތިބި ކުދިންނަށް މިވަގުތަށް ބޭނުންވާ ކަންކަން ކޮށްދެއްވަމުން ގެންދަވަނީ ނޭޕާލްގައި ހުންނަވާ އޮނަރަރީ ކޮންސުލް ކަމަށާއި އޭނާ ވަރަށް ދީލަތި ކަމާއެކު ދިވެހިންގެ ކަންކަން ބަލަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ނޭޕާލްގައި ދިވެހިން އާންމު ގޮތެއްގައި ދިރިއުޅެމުންދަނީ ވިރާތްނަގަރު އަދި ޕޮކްރާ ކިޔާ ސަރަހައްދެއްގައި ކަމަށް ވެ އެވެ. އެހެންވެ ފޮރިންގ މިނިސްޓްރީން ވަނީ ނޭޕާލްގެ އެކި ސަރަހައްދުތަކުގައި އުޅޭ ދިވެހިން ކަތަމަންޑޫ އެއާޕޯޓް ކައިރިއަށް ދިއުމަށް އެދިފަ އެވެ. އަދި އެތަނުން ދިވެހިންގެ ކަންކަމާއި ހަވާލުވާނެ ބޭފުޅުން ތިއްބަވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ފޮރިންގ މިނިސްޓްރީން ބުނީ ނޭޕާލްގެ އެކި ސަރަހައްދުތަކުގައި 105 އާއި 110 އާއި ދެމެދުގެ އަދަދަކަށް ދިވެހިން އެބަ އުޅޭ ކަމަށެވެ. އެގޮތުން ކަތަމަންޑޫގައި 54 ދިވެހިން، ޕޮކްރާގައި 28 ދިވެހިން، ވިރާތްނަގަރުގައި 14 ދިވެހިން އަދި ސިދާތްނަގަރުގައި އެކަކު ދިރިއުޅެމުންދާ ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި އެ އެންމެން މޯލްޑިވިއަންގެ ފްލައިޓްގައި ރާއްޖެ ގެނެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓަރު ދުންޔާ އިތުރަށް ވިދާޅުވީ ޕޮކްރާގައި ތިބި ދިވެހިން މިހާރު ތިބީ ކަތަމަންޑޫ އެއާޕޯޓުގައި ކަމަށާއި ވިރާތްނަގަރުގައި ތިބި 14 ދިވެހިން އިންޑިއާއަށް އެތެރެވެ ރާއްޖެ އައުމަށް ނިއުދިއްލީ އެއާޕޯޓަށް ދިއުމަށް ދަތުރުކުރާ ކަމަށެވެ.
ދުންޔާ ވިދާޅުވީ ރާއްޖެއިން ބޭރަށް ދަތުރުކުރާ މީހުންގެ ދަފްތަރެއް ރާއްޖޭގެ އެމްބަސީތަކާއި ކޮންސިއުލޭޓްތަކުގައި ހަރުދަނާ ގޮތަކަށް ހެދިފައި ނެތް ކަމަށެެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ދަތުރުކުރާ ދިވެހިން އެމްބަސީތަކުގައި ރަޖިސްޓްރީވެ އެމީހެއްގެ މައުލޫމާތު އެމްބަސީއާ ހިއްސާކުރުމަށް އެދޭ ކަމަށާއި ކަމެއް ދިމާވުމުން އެހީތެރިކަން ފޯރުކޮށްދިނުމަށް ފަސޭހަވެގެންދާނީ އޭރުން ކަމުގައިވެސް ވިދާޅުވި އެވެ.
ދުންޔާ އިތުރަށް ވިދާޅުވީ ނޭޕާލަށް އައި ބިންހެލުމަށްފަހު އެ ގައުމުގެ ބައެއް ކޮލެޖުތަކުގެ ކިޔެވުން ފެށިފައިވާ ކަަމަށެވެ. އެހެންކަމުން ރާއްޖެއަށް އަންނަ ދިވެހި ކުދިންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ނޭޕާލްގައި ހުންނަ ކޮންސުލްއާއި ގުޅިގެން ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް