ދައުލަތުގެ މީޑިއާ މިހާރު ހިންގަމުން އަންނަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޯޕަރޭޝަން (އެމްބީސީ) އުވާލައި އާ ކުންފުންޏެއް އުފައްދަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެމްބީސީ އުވާލައި ޕަބްލިކް ސާވިސް މީޑިއާގެ ނަމުގައި ކުންފުންޏެއް އުފައްދަން ހޯރަފުށީ ދާއިރާގެ މެންބަރު އިބްރާިމް އިސްމާއިލް ހުށަހެޅުއްވި ބިލް މަޖިލީހުން ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 41 މެންބަރުން ފެންނަ ކަމަށް ވޯޓި ދީގެންނެވެ. ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދިނެވެ.
އެމްބީސީގެ ބިލުގެ ކޮމިޓީ މަރުހަލާގައި ބިލަށް ވަނީ ބައެއް ބަދަލުތައް ވެސް ގެނެސްފަ އެވެ. އެގޮތުން ގަވާނިން ބޯޑަށް އައްޔަން ކުރާ މެމްބަރުންގެ ނަންތައް ރައްޔިތުންގެ މަޖިލީހަށް ފުރަތަމަ ދައުރު ފޮނުއް ވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކޮމިޓީން ވަނީ ކަނޑައަޅާފަ އެވެ. އަދި ދެ ވަނަ ދައުރުން ފަށައިގެން އެ ބޯޑަށް މެމްބަރުން އައްޔަން ކުރާނީ ރައީސް އޮފީހުން އިއުލާން ކުރުމުން ކަމަށް ވެސް ކޮމިޓީ އިން ގެނެސްފައިވާ އިސްލާހުގައި ބުނެފައިވެ އެވެ.
އެ ބިލް ގާނޫނަކަށްވެ އަމަލު ކުރަން ފަށާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ޕަބްލިކް ސާވިސް މީޑިއާގެ ގަވަނިންގް ބޯޑު އެކުލަވާލައި، ބޯޑުގެ އިސް މަގާމުތަކަށާއި ޕަބްލިކް ސާވިސް ހިންގުމުގެ އެންމެ އިސް މަގާމުތަކަށް އެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން މީހުން އައްޔަންކޮށް މަގާމުގެ މަސްއޫލިއްޔަތުތައް އަދާކުރަން ފަށަންވާނެ ކަމަށް ބުނެފައިވެ އެވެ.
އެފަދަ ގާނޫނެއް ހެދުމުގެ ބޭނުމަކީ އިންޓަނެޓްގެ ޒަރިއްޔާ އިން އުފެދިގެން އަންނަ ނިއު މީޑީއާގެ އެންމެހާ ވަސީލަތްތަކާއި ޕްރިންޓް މީީޑިއާ އާއި އަދި މި ނޫނަސް ހަބަރާއި މައުލޫމާތާ ހޭލުންތެރިކަމާއި މުނިފޫހިފިލުވުން ފޯރުކޮށްދޭ އެންމެހައި ޓެކްނޮލޮޖީގެ ބޭނުން ހިފައިގެން، ދިވެހި ދައުލަތުގެ ބަޖެޓުގެ ޚަރަދުކޮށްގެން ހިންގާ ވަރުގަދަ އަދި ހަރަދަނާ ގައުމީ މީޑިއާއެއް ބިނާކުރުން ކަމުގައި އެ ބިލްގައި ވަނީ ބުނެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް