އިސްތިއުފާދޭން ޖެހޭ ސަބަބެތް ނެތް، އިދިކޮޅު ފަރާތްތަކާއި މަޝްވަރާއެއްވެސް ނުކުރާނަން: ރައީސް

ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުންތަކާ ގުޅިގެން އެ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަން ވެސް އަދި އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ...

27 Apr 2015 | 07:34

ގާނޫނުތަކާ ހިލާފަށް ސަރުކާރުން ކަންކަން ކުރުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލާ ގޮވާލުންތަކާ ގުޅިގެން އެ ފަރާތްތަކާ އެކު މަޝްވަރާ ކުރައްވަން ވެސް އަދި އިސްތިއުފާ ދެއްވަން ޖެހޭ ސަބަބެއް ވެސް ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފ. ނިލަންދު އާއި ގދ. ގައްދޫގެ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ކައުންސިލަރުންގެ އިތުރުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މެމްބަރަކު ޕީޕީއެމަށް ސޮއިކުރެއްވުމަށް މުލިއާގޭގައި ބޭއްވި ރަސްމިއްޔާތަށް ފަހު ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު އިސްތިއުފާ ދެއްވަންވީތޯ ނިންމާނީ، 2018ގެ އިންތިހާބުގައި ދިވެހި ރައްޔިތުން ކަމަށެވެ. އޭގެ ކުރިން އެމަނިކުފާނު އިސްތިއުފާ ދެއްވަން ޖެހޭ އެއްވެސް ކަމެއް ސަރުކާރުން ނުކުރާ ކަމަށާއި މިހާތަނަށް ގާނޫނާ ހިލާފަށް އަދި ރައްޔިތުންގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރެއްވި އެއްވެސް ކަމެއް ދެއްކެން ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިހާރު އިދިކޮޅު ފަރާތްތަކުން އިސްތިއުފާއަށް ގޮވާ ކުރިޔަށް ގެންދާ ހަރަކާތްތަކުން އެއްވެސް ޕްރެޝަރެއް ނެތް ކަމަށެވެ.

"އަޅުގަނޑަކީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމް ގެއްލިގެން، ނައިބު ރައީސަކަށް ހުންނެވުމަށް ފަހު މަގާމް ފުރާ މީހެއް ވެސް ނޫން ދެއްތޯ؟ އެހެންވީމަ އަޅުގަނޑު އިސްތިއުފާ ދޭން ޖެހޭނެ ސަބަބެއް ނެތް. އަދި މިހެން އިދިކޮޅު ފަރާތްތަކުން އެ މީހުންނަށް ފެންނަ އެއްޗެއް ގޮވަމުން ދިއުމަކީ ރައީސުލް ޖުމްހޫރިއްޔާ އިސްތިއުފާ ދޭން ޖެހޭނެ ސަބަބެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

މޭ އެކެއްގެ ކުރިން ރައީސް ޔާމީން މަޝްވަރާގެ މޭޒަށް ވަޑައިގަންނަވަން ޖެހޭ ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ ސަރުކާރު އިސްވެ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ ކުރާނެ ޖާގަ އެއްވެސް ކަމެއްގައި ސަރުކާރުން ދީފައެއް ނޯންނާނެ ކަމަށާއި ޝަރުއީ ހުކުމްތަކާ ގުޅޭގޮތުން ކުރާނެ އެއްވެސް މަޝްވަރާއެއް ނޯންނާނެ ކަމަށް ވިދާޅުވާ ވިދާޅުވުން މިއަދު ވެސް ރައީސް ތަކުރާރުކުރެއްވި އެވެ.

"އިދިކޮޅު ފަރާތްތަކާ ރައީސް ވެސް ބައްދަލުކޮށްފި. އިދިކޮޅު ފަރާތްތަކާ ދެ ފަހަރެއްގެ މަތިން ރައީސް ކަނޑައެޅުއްވި މަންދޫބު ވެސް ބައްދަލުކޮށްފި. އިސްވެ އިދިކޮޅު ފަރާތްތަކާ އެކު މަޝްވަރާ އަށް ދާން ޖެހޭ އެއްވެސް ސަބަބެއް ދެން ނެތް،" ރައީސް ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން މިހާތަނަށް ސަރުކާރާއެކު މަޝްވަރާކުރި ހަމައެކަނި ސަބަބަކީ ޖަލު ހުކުމުގައި ތިއްބެވި ބޭފުޅުން މިނިވަންކުރުން ކަމަށާއި އެގޮތުން ކުރީގެ ޑިފެންސް މިނިސްޓަރު ނާޒިމްގެ މައްސަލަ ކޯޓުން ބޭރުގައި ހައްލުކޮށްދޭން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އެދިވަޑައިގެންނެވި ކަަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނުގެ ޖަވާބަކަށްވީ، ރައީސް ވިދާޅުވި ގޮތުގައި، އެ މައްސާލާގައި ގޮތެއް ނިންމާނީ، ޕްރޮސިކިއުޓަ ޖެނެރަލާއި ކޯޓުތަކުން ކަމަށެވެ. އެ މައްސަލާގައި ރައީސް ޔާމީނަށް ކުރެއްވޭނެ އެއްވެސް ކަމެއް ނެތް ކަމަށް އިމްރާނަށް ދެންނެވި ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީން އެ ބުނަނީ ރައީސް ނަޝީދު މާދަމާ ވެސް ރައީސް ޔާމީނަށް ވީއްލިދާނެއޭ. މާދަމާ ރައީސް ނަޝީދު، ރައީސް ޔާމީނެއް ނުވިއްލާނެ. އެމަނިކުފާނު އެ ހުންނެވީ ޝަރުއީ ހުކުމެއްގައި. ލުއިވެގެން ދާނީ ގާނޫނުގައި އެ ހުކުމް ލުއިކުރަން އޮންނަ އުސޫލްގެ ތެރެއިން،" ރައީސް ވިދާޅުވި އެވެ.

އަންނަ މަހުގެ އެކެއް ގައި އިދިކޮޅު މީހުން ބާއްވާ އެއްވުމަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެ މީހުން އަނިޔާއޭ ކިޔާއިރު، އޭގެ މާނަ ވެސް މިހާރު ވަނީ އޮޅުންބޮޅުން ވެފައި ކަމަށެވެ. ގާނޫނުން ބޭރުގައި ގައުމުގެ މަސްލަހަތު ގެއްލޭ ގޮތަށް ކުރާ ކަންކަމަކީ އަނިޔާއެއް ކަމަށް އެ މަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީތަކުން ވެސް ވިސްނަން ޖެހެނީ ގައުމުގެ މަސްލަހަތާއި ހަަމަޖެހުމަށެވެ. ވަކި މީހެއްގެ ހައްގުގައި ގައުމު ހަލާލުކޮށްލަން ގޮވާލަމުން ދިއުމަކީ އަނިޔާ ކަމަށް ވިދާޅުވި އެވެ.

"އެކަން މިއަދުން ފެށިގެން ވެސް ކުރުން ހުއްޓާލުމަށް އަޅުގަނޑު ނަސޭހަތްތެރިވަން. އެއާއެކު އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ މެއި 1 ވަނަ ދުވަސް ވެސް މި އަންނަނީ. އަޅުގަނޑު ހުންނާނީ ބަލަން. ގާނޫނާ ހިލާފު ކަންތައް ކުރައްވަން ބޭނުންފުޅުވާ ބޭފުޅުން އެކަން ކުރައްވައިފިއްޔާ އޭގެ އަދަބު ވެސް ލިބިވަޑައިގަންނަވާނެ ކަން އެނގިވަޑައިގަންނަވަން ޖެހޭ. އަޅުގަނޑުމެން މިދަނީ ކަމާގުޅޭ މުއައްސަސާތަކުގެ ފަރާތުން ނަސޭހަތްތެރި ވަމުން، ޒުވާނުންތަކެއް ނެރެގެން، އަނެއްކާ ވެސް ޒުވާނުންތަކެއް ޖަލުގެ ގޮޅިތަކަށް ވެއްދުމަށް ޖަރީމާ ހިންގަން އަޅުގަނޑުމެން ޖާގައެއް ނުދޭނަން،" ރައީސް ވިދާޅުވި އެވެ.

ސިޔާސީ ލީޑަރުން ފިއްލަވައި ތިއްބަވައިގެން، ޒުވާނުން ލައްވައި ކުށްކުރުވަން މި ސަރުކާރުން ޖާގަ ނުދޭނެ ކަމަށް ރައީސް ތަކުރާރުކުރެއްވި އެވެ. އެގޮތުން އަންނަ މެއި މަހުގެ އެއްވަނަ ދުވަހަކީ އަނެއްކާވެސް ދިވެހިރާޢްޖޭގައި ގާނޫނުގެ ބާރު ހިނގާނެ ދުވަހެއްކަމަށް ރައީސް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް