ސްޓޫޑަންޓް ލޯނުގެ އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް، ލޯނުގެ ގޮތުގައި ދޫކުރާ އަދަދަށްވުރެ އިތުރު އެއްވެސް އަދަދެއް ޗާޖް ނުކުރުމަށް ރައީސް ނިންމަވައިފި

ސްޓޫޑަންޓް ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ 1% އުނިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ. ރައީސް މި ނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ މިރޭ...

27 Mar 2025 | 17:28

ސްޓޫޑަންޓް ލޯނުތަކުގެ އެޑްމިނިސްޓްރޭޓިވް ފީގެ ގޮތުގައި ނަގަމުންދާ 1% އުނިކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސް މި ނިންމެވުން ނިންމަވާފައިވާކަން ހާމަކުރެއްވީ މިރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައިވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމާއި ތަމްރީން ހޯދަން ދޫކުރާ އަދި ދޫ ކޮށްފައިވާ ލޯނު ތަކަކީ، އިސްލާމީ ހަމަތަކަށް ފެތޭ، "ޝަރީޢާ ކޮމްޕްލަޔަންޓް" ލޯނުތަކަކަށް ހެދުމަށް ބައެއް ކަންކަން ތަންފީޒު ކުރުމަށް ކަމާބެހޭ ފަރާތްތަކަށް ދަންނަވާފައިވާނެ ކަމަށެވެ.

އެގޮތުން ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމާއި ތަމްރީނު ހޯދަން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ކުރުމަށް ރާއްޖެއާ ރާއްޖޭން ބޭރުން ތަޢުލީމާ ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓުން ދޫކުރާ ލޯނު ޝަރީޢާ ކޮމްޕްލަޔަންޓް ލޯނެއްގެ ގޮތުގައި ހަމަޖެއްސުމުގެ ގޮތުން ލޯނާއެކު ހިމެނިފައިވާ %1 އެޑްމިނިސްޓްރޭޓިވް ފީ ގެ ގޮތުގައި ނަގަމުންދާ އަދަދު އެއްކޮށް އުނިކުރުމަށާއި އަދި، ލޯނުގެ ގޮތުގައި ދޫކުރާ ފައިސާގެ އިތުރުން އެއްވެސް މިންވަރެއް އިތުރަށް ޗާޖް ނުކުރުމަށް އަންގަވާފައިވާނެކަމުގައި ވިދާޅުވެފައިވެއެވެ.

އަދި، ކުރިން ލޯނު ނަގައިފައިވާ ފަރާތްތަކުން ދައްކަން ހުންނަ ފައިސާއިންވެސް، އެޑްމިނިސްޓްރޭޓިވް ފީ އުނިކޮށް އެދަރިވަރުންގެ ލޯނު އަދަދުތައް އަލުން އެޖަސްޓްކުރުމަށް އަންގަވާފައިވާނެކަމުގައިވެސް ރައީސް ވިދާޅުވެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް