ކުރިއަށް އޮތްތާގައި ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ “ރައްޔިތުންނާ އެކު” މިނަމުގައި ކުރިއަށްގެންދިޔަ ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ، މި އަހަރު އެކަޑެމިކް ކަލެންޑަރުގައިވާގޮތުން ކުރިން އޮތީ މި އަހަރުގެ ރަމަޟާން މަހުގެ އެއް ހަފުތާ ފިޔަވައި މުޅި ރަމަޟާން މަސް ބަންދުކުރާ ގޮތަށް ކަމުގައެވެ.
އެހެންނަމަވެސް ފަހުން އެކި ކަންކަން ހަމަޖެއްސުމަށްފަހު މުޅި ރަމަޟާން މަސް ބަންދުކުރައްވާގޮތަށް ކަންކަން ހަމަޖެއްސެވުމުން ގިނަ ބެލެނިވެރިންގެ ފަރާތުން އެކަމަށް އެދެވޭ، ރަނގަޅު ހިޔާލުތަކެއް ލިބިވަޑައިގެންނެވިކަމަށް ރައީސް ވިދާޅުވިއެވެ.
ރަމަޟާން މަސް ބަންދުކުރުމަކީ ގިނަ ބެލެނިވެރިން އެދޭކަމެއް ކަމުގައި ފާހަގަވާތީ ކުރިއަށްއޮތް އަހަރުތަކުގައިވެސް އެކަމަށް މަގުފަހިކޮށްދެއްވުމަށް މަސައްކަތް ކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ކޮންމެ އަހަރަކުވެސް މުޅި ރަމަޟާން މަސް އެއްކޮށް ސްކޫލުތައް ބަންދުކުރެއްވުމަށް ހަމަޖައްސަވައިދެއްވޭތޯ ބެއްލެވުމަށް މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ. އިސްމާޢީލް ޝަފީޢު އަށް ދަންނަވާފައި ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް